މާލެ ސިޓީ ގޮޑަކަށް ހެދުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލަށް ޖެއްސުން ކުރުމަށްޓަކައި، މާލެތެރޭގައި ކުނި ނުނަގައި، މާލެ ގޮނޑަކަށް ހެދުމުގެ ފުރުސަތު ވެމްކޯއަށް ނުދެއްވާނެ ކަމަށެވެ. މިކަމުގައި މާލެ ސިޓީ ކައުންސިލުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް ސިޓީ ކައުންސިލުން ފަސް ނުޖެހޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

"މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދޭނަން. އެ ކަމަށް ސިޓީ ކައުންސިލް އިން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްނުޖެހޭނެ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވަނީ މީގެ ކުރިން ވެސް ވެމްކޯއަށް ސިޓީ ކައުންސިލުން ބޮޑު ބަޖެޓެއް ދީގެން ކުނި ނެގުމުގެ ކަންކަން ކުރާއިރު ވެސް އެކަން ވެމްކޯއިން ނުކުރާކަން ފާހަގަކޮށްފަ އެވެ. ވެމްކޯއިން އިއްޔެ ކުނި ނެގުމަށް ގެނައި ބަދަލާއިއެކު ކުނި ނަގާނެ ގަޑިތަކެއްގެ ގޮތުގައި ވެމްކޯއިން ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 ން ފެށިގެން ރޭގަނޑުގެ 11 ޖެހުމާ ހަމައަށެވެ.

އެހެން ނަމަވެސް ވެމްކޯއިން އެގޮތަށް ހަމަޖެއްސި ނަމަވެސް ގިނަ ގޭތަކުން ކުނި ނުނަގާތީ ގިނަ ބަޔަކު އަންނަނީ މާލެ ސިޓީ ކައުންސިލަށާއި ވެމްކޯއަށް ފާޑުކިޔަމުންނެވެ. މީގެ އިތުރުން ވެމްކޯއިން ރޭގައި ކުނި ނަގާފައިވަނީ ހަމައެކަނި ބޭރަށް ނެރެފައިވާ ކުނިތައް އެކަންޏެވެ.