ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ފަރްދީން ޚާން އެބުރި ބޮލީވުޑަށް އައުމަށް ތައްޔާރުވެއްޖެ އެވެ.

ގިނަ ދުވަސްތަކެއް ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށްފަހު ފަރުދީން އެނބުރި އަންނަނީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޕްރޮޑިއުސްކުރާ ފިލްމް "ވިސްފޮޓް" އިންނެވެ.

މިއީ ވެނެޒުއޭލާގެ ފިލްމެއް ކަމަށްވާ ރޮކް ޕޭޕާ ސިޒާސްގެ ރިމޭކް ފިލްމެއް ސަންޖޭ ގުޕްތާ ހަދަން ނިންމާފައިވާއިރު، އެ ފިލްމުން ފަރްދީން އާއެކު ލީޑް ރޯލުން ފެނިގެންދާނީ ރިތޭޝް ދޭޝްމުކް އެވެ.

މިއީ 14 އަހަރަށް ފަހު ފަރްދީން އާ ރިތޭޝް ދެމީހުން އެކީގައި ފެންނަ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ރިތޭޝް އާ ފަރްދީންއެކީ ފެނިގެން ދިޔައީ 2008 ވަނަ އަހަރު ރިލީސް ކުރި ފިލްމު "ހެއި ބޭބީ" އިންނެވެ.

މިމަހު ފަހުކޮޅު ޝޫޓިންގ ފެށުމަށް ތާވަލަ ކޮށްފައިވާއިރު ފަރްދީން އެންމެ ފަހުން ފެނިފައި ވަނީ މީގެ 11 އަހަރު ކުރިން ނެރުނު ފިލްމް "ދުލްހާ މިލްގަޔާ" އަށްފަހު ފިލްމީ ދުނިޔެ އާއި ގުޅުން ކަނޑާލައިގެން ފަރްދީން އުޅެމުން ދިޔައީ ވަރަށް ސިއްރުންނެވެ. ޕަޕަރާޒީންނަށް ވެސް އޭނާ ގެއްލި، ފެނުނު އިރު ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ފަލަވެ ސިފަ ގެއްލޭ ވަރުވެފަ އެވެ.

އެކަމަކު އަނެއްކާ ވެސް ފަރުދީން ވަނީ ކުރިން ފިލްމްތަކުން ފެނުނު ގޮތަށް ހަށިގަނޑު ބަދަލު ކޮށްލައި، ވަރަށް ބޮޑަށް ހިއްކާލައި، ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

ފަރްދީން އެންމެ ފަހުން ފެނިފައި ވަނީ 2010 ވަނަ އަހަރު ފިލްމް "ދުލްހާ މިލްގަޔާ" އިން ސުޝްމިތާ ސެންއާއެކުގަ އެވެ.