ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް ޓެސްޓު ނުހަދައި، ރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ލިބޭގޮތް އެކުލަވާލާވާ ގައުމުތަކުގެ ލިސްޓަށް ބަންގްލަދޭޝް އިތުރުކޮށްފި އެވެ.

މި ލިސްޓަށް ބަންގްލަދޭޝް އިތުރު ކޮށްފައިވާއިރު، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހާއެކު ޓްރާސްޕޯޓް މިނިސްޓްރީން ގަބޫލުކުރާ ގައުމުތަކުން ދޫކޮށްފައިވާ ސައްހަ ލައިސަންސެއް އޮތް މީހުންނަށް އިމްތިހާން ހެދުމަކާ ނުލައި ދާއިމީ ލައިސަންސް ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީއަށް ވަނީ އިހްތިޔާރު ދީފަ އެވެ.

ޓްރާންސްޕޯޓަށް ލިބިފައިވާ އެ އިހުތިޔާރާއި އެކީ އިމްތިހާނަކާއި ނުލައި ލައިސަންސް ދޫކުރުމަށް 25 ގައުމެއް ހިމަނައި ލިސްޓެއް އާއްމު ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

އެ ލިސްޓުގައި ހިމެނެނީ އަފްޣާނިސްތާން، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، ބުރުނައީ، ކެމްބޯޑިއާ، އިންޑޮނީޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް، ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، އިނގިރޭސިވިލާތް، އެމެރިކާ، ޗައިނާ، ޔުނައިޓެޑް އެރެބް އެމިރެޓްސް، ސްވިޓްޒާލެންޑް، ސައުދީ އަރަބިޔާ، ބެލްޖިއަމްގެ އިތުރުން ޖަރުމަންވިލާތެވެ.

ޓްރާންސްޕޯޓްގެ އުސޫލުގައިވާ ގޮތުން މި ގައުމުތަކުގެ ލައިސަންސް އޮންނަ ދިވެހިންނަށް ވެސް އިތުރު އިމްތިހާނަކާ ނުލައި ރާއްޖޭގައި ލައިސަންސް ދޫކުރާނެ އެވެ.