އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް އަންނަ ބުދަ ދުވަހު ކަނޑައެޅިގެންދާނެ ކަމަށް މިނިމަމް ވޭޖް ބޯޑުން ބުނެފި އެވެ.

މިނިމަމް ވޭޖް ބޯޑުން ބުނެފައިވަނީ އެބޯޑުގެ ބައްދަލުވުމެއް އަންނަ ބުދަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެބައްދަލުވުމުގައި އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް ކަނޑައެޅިގެންދާނެ ކަމަށް ވެސް އެބޯޑުން ބުނެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރެވެ. އެއީ މަސައްކަތްތެރިންނާއި ވަޒީފާ ދޭ ފަރާތްތައް ހިމެނޭ ގޮތަށް އުފައްދާފައިވާ މިނިވަން ބޯޑެކެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށެވެ. ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފައި އޮތް ސީލިންގަކީ 6،700ރ. އާއި 8،900ރ. އާ ދެމެދުގެ އަދަދެކެވެ.

މިނިމަމްވޭޖް ކަނޑައެޅުމުގައި ނުވަ ދާއިރާއެއް ވަނީ ޚާއްސަކޮށްފަ އެވެ. އެ ދާއިރާތަކަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތް، ފަތުރުވެރިކަމުގެ ސިނާއަތް، ކޮންސްޓްރަކްޝަން މަސައްކަތުގެ ސިނާއަތް، ދަތުރުފަތުރުގެ ސިނާއަތް، ސިއްހީ ހިދުމަތުގެ ދާއިރާ، ތައުލީމީ ހިދުމަތުގެ ދާއިރާ އެވެ. މީގެއިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއާއި މެރިޓައިމް ދާއިރާ އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެކި ފަހަރު މަތިން ސަރުކާރުން ވަނީ ތާރީހުތަކެއް ދީފަ އެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބު ވެފައި ނުވާއިރު، ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އުޖޫރައާ މެދު ހިތްހަމަ ނުޖެހިގެން ބައެއް ސިވިލް ސާވަންޓުން އިއްޔެ އޮފީހަށް ނުކުތީ އިހުތިޖާޖު ކުރުމުގެ ގޮތުން ކަޅު ހެދުމުގަ އެވެ.