ގާނޫނުން ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ދޭންޖެހޭ ހިދުމަތްތަކަށް ބުރޫ އަރާގޮތަށް މަސައްކަތް ނުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މުސާރައިގެ މައްސަލާގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން އިހްތިޖާޖު ކުރަމުންދާތީ އެވެ. ދިވެހި ސިވިލް ސާވަންޓް އެސޯސިއޭޝަނުން ވަނީ މަސައްކަތް ހުއްޓާލައިގެން މުވައްޒިފުން އިހުތިޖާޖު ފަށާނެ ކަމުގެ އިންޒާރުވެސް ދީފަ އެވެ.

މިކަމާއި ގުޅިގެން ސީއެސްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ، ސިވިލް ސަރވިސް މުވައްޒަފުންގެ އަޑު އަހައި، މުވައްޒަފުންނާ ގާތުން މަސައްކަތްކޮށް، މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކަމަށެވެ.

އަދި އެ ގޮތުން، ސިވިލް ސަރވިސް މުވައްޒަފުންގެ ކަންބޮޑުވުންތަކާއި، މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އަބަދުވެސް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުން ކަމަށާއި، ސިވިލް ސާވިސް މުވައްޒަފުންގެ ކަންބޮޑުވުންތައް ދެނެގަނެ، ގާނޫނާއި ޤަވާއިދުގެ ތެރެއިން އެ މައްސަލަތަކަށް ޙައްލު ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ދަނީ އަޅަމުން ކަމަށް ބުނެފައިވެ އެވެ.

"ސިވިލް ސާވިސް މުވައްޒިފުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކުރުމަށް ސިވިލްސާވިސް ކޮމިޝަންގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަ ހިނދު، ގާނޫނުން ލިބިދޭ ހައްގުތައް ބޭނުން ކުރުމުގައިވެސް ސަރުކާރުގެ އިދާރާތަކުން ދެމުންދާ ހިދުމަތްތައް މެދުނުކެނޑޭ ގޮތަށް އަމަލު ކުރުމަށް ސިވިލްސާވިސްގެ ހުރިހާ މުވައްޒިފުންނަށް ކޮމިޝަނުން ނަސޭހަތްތެރިވަމެވެ،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ސީއެސްސީން ބުނީ، މިހާރަކަށް އައިސް، އެކި ނަންނަމުގައި ވަކި ބަޔަކު ނޭނގޭގޮތަށް، ކޮމިޝަނުގެ "ލޯގޯ" ބޭނުންކޮށްގެން، ސިވިލްސަރވިސްގެ މުވައްޒަފުންގެ ހައްޤުތައް ދިފާއުކުރުމަށްޓަކައި ކަމުގައި ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގެ އެކިއެކި އޮޅިތައް މެދުވެރިކޮށްދަނީ ޙަރަކާތްތެރިވަމުން ކަމަށެވެ. މި ގޮތުން "ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން"ގެ ނަމުގައި ސޯޝަމީޑިއާގައި މިހާރު ހަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން، ސޯޝަލް މީޑިއާގައި ވަކި ބަޔަކު ނޭނގޭ ގޮތަށް ހަރަކާތްތެރިވާ ފަރާތްތަކުން ފަތުރާ މަޢުލޫމާތުތައް މީޑިއާތަކުން އާންމުކުރުމުގައި، ކަމުގެ ހަގީގަތް ސާފުކުރުމާއެކު މަސްލަޙަތު ނުގެއްލޭ ގޮތަށް ރިޕޯޓުކުރުމަކީ ކޮމިޝަނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ސީއެސްސީއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު މިއަދު ގިނަ އޮފީސްތަކުން ސިވިލް ސަވިސް މުވައްޒަފުން ވަޒީފާއަށް ނިކުމެފައިނުވެ އެވެ. އަދި ބައެއް އޮފީސްތަކުން ހިދުމަތް ދީފައިނުވާކަން ވެސް ފާހަގަ ކޮށްލެވެ އެވެ.