ކުރީގެ ނައިބު ރައީސް އަތުން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ތުހުމަތުކޮށްފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި އަލީ ވަހީދު މިރޭ ދެއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ސޯލިހު އެ ފައިސާ ގެންދެވީ ރެހެންދި ފްލެޓްގައި އަދީބުއާ ބައްދަލުކުރެއްވުމަށްފަހު ކަމަށެވެ. އަދި ރައީސް ސޯލިހު އެ ފައިސާ ގެންދެވީ ރެހެންދި ފްލެޓުން ކަޅު ދަބަހެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ އެންމެ އިސް ފަސް މީހުންގެ ތެރޭގައި ހިމެނޭ މީހަކު. ރެހެންދި ފްލެޓުން 35 މިލިއަން ހިފައިގެން ދިޔަ. އެ ވީޑިއޯ ވެސް ފުލުހުން ފޮރުވައިގެން އެއުޅެނީ ނޫންތޯ؟" އަލީ ވަހީދު ވިދާޅުވި އެވެ.

އެއީ ކޮންބޭފުޅެއްކަން ހާމަ ނުކުރައްވާތީ އެއީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށާއި އެ ހެކި ގެއްލިއްޖެނަމަ ދިވެހި ހުރިހާ ރައްޔިތުންގެ ހައްގު ގެއްލިގެން ދާނެ ފަދަ ބޮޑު ކަމެއް ނޫންތޯ ނޫސްވެރިއަކު ދެންނެވުމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ކަޅު ދަބަސް ހިފައިގެން ރެހެންދި ފްލެޓުން ވަޑައިގަތީ އޭރުގެ ޕީޖީ ލީޑަރު އިބްރާހީމް މުޙައްމަދު ސޯލިހު ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަން ތިއިން އެއްވެސް މީހަކު މާރީއްޗެއް ނޫނޭ. ސޭޑް ބަޓް ޓްރޫ. އެމްޑީޕީ އޮތީ އެމްއެޕްޕީއާރްސީގެ ފައިސާގައި ޖެހިފައި. އެހެންނަމަވެސް ނުޖެހޭ މީހުން ނުޖެހޭވާޙަކަ ބުނާނަން. އިންތިއެއް ނުޖެހޭ އެފައިސާގައި. ގްރާސް ރޫޓް މީހުން ގަބޫލު ކުރާނެ. މާދަން ނޫން ކަންނޭނގެ އަޅުގަނޑާ ދެކޮޅަށް އިންތި ކޮންމެ ވެސް ވާހަކައެއް ދައްކާނީ. އެހެންނަމަވެސް ބުނާނަން އިންތި ނުޖެހެއޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

އިތުރު ތަފުސީލު ދެއްވަމުން އޭނާ ވިދާޅުވީ ކުރިން ހިންގި ތަހުގީގުތަކުގެ ލިސްޓުގައި ރައީސް ސޯލިހުގެ ނަންފުޅު ވެސް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގައި ތަހުގީގު ހިންގެވުމުގައި އިސްކޮށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރައީސް ސޯލިހުގެ ނަންފުޅު ތަހުގީގުތަކުން އުނިކޮށްފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ވަތްތަން ނޭނގޭ މީހަކު ނެތް ކަމަށާއި އެކަން އެނގި ތިބެ ރައީސް ޔާމީނާއި މަހުލޫފާއި އަދި ނިހާނު ކަތިލަނީ ކީއްވެތޯ އޭނާ ތަކުރާރުކޮށް ސުވާލުކުރެއްވި އެވެ. އަދި އެ ވާހަކަ އެއްވެސް ޕާޓީއަކުން ނުދެއްކުން ރަނގަޅުވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އޭނާ ސިފަކުރައްވަނީ "މަނީ ހެއިސްޓް" ސީރީޒްގެ ގޮތުގަ އެވެ. އަލީ ވަހީދު ވިދާޅުވީ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ މާސްކު އަޅުއްވައިގެން ކަމަށެވެ.

މީގެ ކުރިން ވެސް ރައީސް ސޯލިހު އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާކަމަށް އިދިކޮޅު ކޯލިޝަނުގެ ބައެއް މެންބަރުން ވަނީ ތުހުމަތުކޮށްފަ އެވެ. އަލީ ވަހީދަކީ އޭރު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.