ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން 35 މިލިއަން ރުފިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދެވި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ކުރެއްވި ތުހުމަތު ސަރުކާރުން ދޮގުކޮށްފި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަދި ޖިންސީ ގޯނާގެ ދައުވާތަކެއް ދައުލަތުން އުފުލާފައިވާ އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އޭރު ހުންނެވި ރައީސް ސޯލިހް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ކަޅު ދަބަހެއްގައި ގެންދެވި ކަމަށެވެ.

"އެމްޑީޕީގެ އެންމެ އިސް ފަސް މީހުންގެ ތެރޭގައި ހިމެނޭ މީހަކު. ރެހެންދި ފްލެޓުން 35 މިލިއަން ހިފައިގެން ދިޔަ. އެ ވީޑިއޯ ވެސް ފުލުހުން ފޮރުވައިގެން އެއުޅެނީ ނޫންތޯ؟" އަލީ ވަހީދު ވިދާޅުވި އެވެ.

މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު މިއަދު ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ރައީސް ސޯލިހު ކުރިން ވެސް އަދި މިހާރު ވެސް ކުރައްވާފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެފަދަ އެއްވެސް ކަމެއްގައި ރައިސް ސޯލިހް ބައިވެރިވެފައި ނުވާ. އެކަމާއި ރައީސް ސޯލިހާ އެއްވެސް ގުޅުމެއް ނެތް،" މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނު ކޮމްޕްރޮމައިޒްވާ ފަދަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ހުރި ކަމަށް ވިދާޅުވާ ބޭފުޅުން އެ އެއްޗެއް އާއްމު ކުރަންވީ ކަމަށެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ ކުރިން ހިންގި ތަހުގީގުތަކުގެ ލިސްޓުގައި ރައީސް ސޯލިހުގެ ނަންފުޅު ވެސް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލާގައި ތަހުގީގު ހިންގެވުމުގައި އިސްކޮށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ރައީސް ސޯލިހުގެ ނަންފުޅު ތަހުގީގުތަކުން އުނިކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ރޭ ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްްޔިތުންގެ މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅަން އިދިކޮޅުން މިއަދު މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުގެ ސެކްރެޓޭރިއަޓުން އެ މައްސަލަ ބަލައެއް ނުގަނެ އެވެ.