މާލޭގައިވާ އަލިމަސް ކާނިވާ ސަރަހައްދުގައި ޕާކިންގެ މައްސަލަ ހައްލުކުރަން، ބޮޑު ޕާކިންޒޯނެއް ހެދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މިއީ 500 އަށް ވުރެ ގިނަ އުޅަނދު ޕާކު ކުރެވޭނެ ޕާކިން ޒޯނެކެވެ. އަދި އެ ޕާކިން ޒޯން ހެދުމުން އެތަނުގައި ކާރާއި ސައިކަލު ޕާކުކުރެވޭނެ ޖާގަ ހިމެނިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ވެސް މާލެ ސިޓީ ކައުންސިލުން ދަނީ މާލެ ކާނިވާ ސަރަހައްދުގައި ސައިކަލު ވެސް ޕާކުކުރެވޭނެ ފަދަ ޕާކިން ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ސަރަހައްދުގައި ވެސް 500 ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހެދޭނެ ކަމަށާއި، އެ ޒޯނުގައި ވެސް ކާރު ޕާކުކުރުމަށް ވަކި ޖާގައެއް ހިމަނާލެވި، 55 ކާރު ޕާކުކުރެވޭނެ ޖާގައެއް ހިމެނޭނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެ ޕާކިން ޒޯނު ތަރައްގީކުރުމަށް މާލެ ސިޓި ކައުންސިލުން މިހާރު އަންނަނީ ޒޯން ހެދުމަށް ކާނިވާ ސަރަޙައްދުގެ ބިން ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެސަރަހައްދުގެ ވެލިގަނޑު އެއްވަރުކޮށް ޒޯނުގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާއިރު، މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ވަޑައިގެން ޕާކިން ޒޯންގެ މަސައްކަތް ބައްލަވާލައްވާފަ އެވެ.

މާލޭގައި ގިނަ ބަޔަކަށް ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައެއްގެ ގޮތުގައި އެއްގަމު އުޅަނދުފަހަރު ޕާކުކުރާނެ ޖާގަ ނެތުން ހިމެނޭއިރު، މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕާކިންޒޯން އެކުލަވާލުމުގެ މަސައްކަތާއެކު ގިނަ ބަޔަކަށް ޕާކުކުރުމުގައި ދިމާވާ މައްސަލަތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ކައުންސިލުން ދެކެ އެވެ.

ވެހިކަލް ޕާކިންގެ މައްސަލަ ހައްލުކުރަން މާލެ ސިޓީ ކައުންސިލުން އަންނަނީ ހުސްކޮށް ހުރި ބިންތައް ޕާކިންއަށް ހާއްސަކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.