ރާއްޖޭގެ ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މާލެ ސިޓީގެ ދާއިރާގެ ރައީސްކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު އިންތިހާބުވެއްޖެ އެވެ.

މާލެ ސިޓީގެ ދާއިރާއަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންއާއި ސިފާ ކުރިމަތިލާފައިވާއިރު، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރި ސިފާ ވަނީ ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކޮށްފަ އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކޮށްފައި ނުވިނަމަވެސް، ޕާޓީގެ އެކި މެމްބަރުން ދަނީ ސޯޝަލްމީޑިއާގައި ސިފާއަށް މަރުހަބާ ކިޔަމުންނެވެ.

މާލޭގެ އިތުރުން ސިޓީތަކުގެ ނަތީޖާއަށް ބަލާއިރު، އައްޑޫސިޓީގެ ރައީސްކަމަށް ކުރިމަތިލި މެމްބަރުންގެ ތެރެއިން އެ ސިޓީގެ ރައީސްގެ މަގާމުގައި ހުރި އަހުމަދު އަދުހަމާ ވާދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެކްޝަނުން ވާދަކުރި އަހުމަދު ފައިސަލް ވެސް އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ. ހަމައެހެންމެ ފުވައްމުލައް ސިޓީން އިންތިހާބު ކާމިޔާބުކޮށްފައި ވަނީ މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އާ ވާދަކޮށް، ރައީސް ސޯލިހުގެ ފެކްޝަނުން ވާދަކުރި މުހައްމަދު ނިޒާމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު މެއި ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް ކުރެވިފައިވާއިރު، މިއަދު މި ބޭއްވުނު އިންތިހާބު ވަނީ ވާދަވެރިކަން ބޮޑު އިންތިހާބެއްގެ ގޮތުގައި ފާހަގަވެފައެވެ. އަދި އެމްޑީޕީގެ ދަފުތަރުގައި އޮންނަ ގިނަ ބަޔަކު މި އިންތިހާބުގައި ވަނީ ވޯޓްލާފަ އެވެ.

މި އިންތިޚާބުގެ ވާދަވެރިކަން އިތުރުވީ ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އުފެދިގެން ދިޔަ ހިޔާލު ތަފާތުވުމާ ގުޅިގެންނެވެ.އަދި ދެރައީސުންގެ ފެކްޝަނުން މި އިންތިހާބުގައި ވާދަކޮށްފައިވާއިރު، މި އިންތިހާބުގައި މިހާތަނަށް ދައްކާ ގޮތުން ކުރި ހޯދާފައި ވަނީ ރައީސް ސޯލިހުގެ ފެކްޝަނުންނެވެ.