ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ނިމެންދެން އޭނާ މަޖިލީހުގައި ބައިވެރިވުން ހުއްޓުވައި ދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މޯލްޑިވްސް އިންސްޓިޓިއުފް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ ޔައުގޫބް ހަވާލުވެ ވަޑައިގަތް މައްސަލާގައި އޭނާގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި ވަކީލް އަސްއަދު ޝަރީފެވެ. ގާނޫނު އަސާސީ ބުނާގޮތުން މެމްބަރުން ދައުލަތުގެ އެހެން ވަޒީފާއެއް އަދާ ކޮށްގެނެއް ނުވާނެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ޔައުގޫބް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ބައިވެރިވުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެނުދޭން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ އަމުރު ނުނެރުނަސް، މައްސަލަ ހުށަހެޅި ފަރާތްތަކުގެ ޝަހްސީ ހައްގެއް ނެތުމުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވި އެވެ.

ޔައުގޫބްގެ ވަކީލުން ވަނީ ހަލީމާއި އަސްއަދަށް އެ މައްސަލަ ހުށަހެޅުމުގެ ހައްގެއް ނެތް ކަމަށް ބުނެ އިޖްރާއީ ނުކުތާއެއް ނަގަން މަސައްކަތް ކުރައްވައިފަ އެވެ. ފަނޑިޔާރުންގެ ބެންޗުން ވަނީ އެ ވާހަކަތައް ހުއްޓުވައި އަދި އެ ދެ މީހުންނަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ބެންޗުން ނިންމެވި އެވެ.

މައްސަލަ ހުށަހެޅުއްވި މުހައްމަދު ހަލީމް ވިދާޅުވީ ޗާޓަޑް އެކައުންޓެންޓް ކައުންސިލަކީ މިނިވަން މުސްތަގިއްލު ކައުންސިލެއް ކަމަށާއި އެހެންވުމުން މިނިވަން މުއައްސަސާއެއްގެ މަގާމު ޔައުގޫބް ގަބޫލު ކުރެއްވީ ކަމަށް ބެލެވޭނެ ކަމަށެވެ. އަދި ސަބަބު އޮތުމުން އޭނާގެ މެމްބަރުކަމުގެ މަގާމު ގެއްލޭނެ ކަމަށާއި އެގޮތަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.

އަސްއަދު ވެސް ވިދާޅުވީ ޗާޓަޑް އެކައުންޓެންޓްގެ ގާނޫނު އޮތްގޮތުން އެ ކައުންސިލަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާއާ ޚިލާފަށް ދައުލަތުގެ މިނިވަން މުއައްސަސާއެއްގެ މަގާމެއް އަދާ ކުރުން ކަމަށްވާތީ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އޭނާ ވެސް އެދިވަޑައިގަތެވެ.

ޔައުގޫބްގެ ވަކީލް މޫސާ އާލިމް ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ޔައުގޫބް ގަބޫލު ކުރެއްވި މަގާމު ފެތެނީ ކޮން ގޮތަކަށް ކަން އަސްއަދާއި ހަލީމަށް ބުނެދެވިފައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި މެމްބަރުކަން ގެއްލޭނެ ހާލަތްތަކާއި ކުރުން މަނާ ކޮށްފައިވާ ކަންކަން ބަޔާންކުރާ މާއްދާ ގުޅޭ ގޮތެއް އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޔައުގޫބް އެ މަގާމު ގަބޫލު ކުރެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އޭނާއަށް އެ މަގާމު ހުށަހެޅުއްވުމުން ކަމަށެވެ.

ޔައުގޫބްގެ ވަކީލުންގެ ޓީމުގައި ހިމެނޭ މަހްފޫޒް ސައީދު ވިދާޅުވީ ގާނޫނު އަސާސީގައި ކުރުން މަނާ ކަންކަމަކީ ގޮނޑި ގެއްލޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދައުލަތުގެ އެހެން މަގާމުތައް އަދާކުރުން މެމްބަރުންނަށް ގާނޫނު އަސާސީން މަނާ ކޮށްފައި އޮތީ މެމްބަރުކަމުގެ މަސައްކަތްތަކަށް ވަގުތު ހުސްކުރަން ބާރު އެޅުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެ، އޭނާ ވަނީ ގާނޫނު އަސާސީ ލިޔުނު ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކާ ވެސް ހަވާލާ ދެއްވައިފަ އެވެ. އެ ޔައުމިއްޔާތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އޭރު ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ދެއްކެވި ވާހަކަތައް ވެސް ހިމެނެ އެވެ.

ބެންޗުން ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ. ޔައުގޫބް ގަބޫލު ކުރެއްވި މަގާމު ދައުލަތަށް ވަޒީފާއަކަށް ވަނީ ކިހިނެތްތޯ އާއި މުސާރަ އާއި އިނާޔަތްތައް އެ މަގާމަށް ލިބޭތޯ ސުވާލު ކުރެއްވި އެވެ. އަދި މަނާ ކޮންމެ ކަމަކީ މަގާމު ގެއްލޭނެ ކަމެއްތޯ ވެސް ބެންޗު ސުވާލު ކުރައްވައި، ދެން އޮންނަ އަޑުއެހުމެއްގައި ސުވާލުތަކަށް ތައްޔާރުވާން އެންގެވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދެވެ.