މައުލޫމާތު ލިބިފައިވާ ގޮތުގައި ނަހުލާއަށް ފިޔަވަޅު އަޅާފައިވަނީ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު މައްސަލައަކާ ގުޅިގެން އެމައްސަލަ ދިރާސާ ކުރުމަށްފަހު.

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ފިޔަވަޅު އަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަހުލާއަށް ފިޔަވަޅު އަޅާފައިވަނީ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު މައްސަލައަކާ ގުޅިގެން އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެވެ.

އެގޮތުން ސުލޫކީ ކޮމިޓީންވަނީ ހަ މަސް ދުވަހަށް ޕީޕީއެމްގެ ޕޯޑިއަމްތަކުން ނަހުލާއަށް ޖާގަ ނުދިނުމަށާއި ކުރިއަށް އޮތް ތިން އަހަރު ދުވަހު ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ފިޔަވަޅު އަޅާފަ އެވެ. އަދި ޕީޕީއެމްގެ ކަންތައްތަކުގައި އެއްބާރުލުން ދިނުމަށް ސުލޫކީ ކޮމިޓީން އޭނާއަށް ނަސޭހަތްތެރިވެފައިވެ އެވެ.

ޕީޕީއެމް ކޯލިޝަން ހިންގެވުމާ ހަވާލުވެހުންނެވި އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ ޑިމޮކްރެސީގެ އުސޫލުތަކާ އެއްގޮތަށް ހިންގަމުންދާ ޕާޓީއެއް ކަމަށާއި ގަވައިދުތަކާ ހިލާފުވާ ކޮންމެ މީހަކަށް ވެސް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނަހުލާއަށް ފިޔަވަޅު އަޅާފައިވަނީ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އިންތިޚާބުގައި ޕާޓީގެ ސްޓޭންޑާ އޭނާ ހިލާފުވުމުންނެވެ. އަދި އޭގެ ފަހުން ސިޓީ ކައުންސިލްގެ ޓީމެއް ވިލިމާލެއަށް ދިއުމުން މުޒާހަރާ ކުރުމަށް ނަހުލާ ބަޔަކު ނެރުނު ކަމުގެ ތުހުމަތުތަކެއް ވެސް ކުރެވިފައިވެ އެވެ.

މިމައްސަލަ މިހާރު ނަހުލާވަނީ ޕީޕީއެމްގެ އިސްތިއުނާފް ކޮމިޓީއަށް ހުށައަޅާފަ އެވެ.