އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ހިޔާނާތުގެ ފައިސާ ހުރި ދަބަހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވި ކަމަށް ކުރާ ތުހުމަތަށް މިވަގުތު ޖަވާބެއް ދެއްވުމަށް ރައީސް ދެކޮޅު ހައްދަވައިފި އެވެ.

މިގޮތުން ރޭގެ ވަގުތެއްގައި އާންމުންގެ ބަޔަކު ވަނީ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލަށް ވަޑައިގެންނެވުމުން މިކަމާ ގުޅޭގޮތުން ސުވާލުކުރައްވާފަ އެވެ.

އެގޮތަށް ސުވާލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯގައި ގިނަ ބަޔަކު އެމަނިކުފާނާ ސުވާލުކުރައްވަން ބޭނުންފުޅުވާ ކަމަށާއި، އެ މަނިކުފާނުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން ދާކަން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް ރައީސް ވަނީ "އެއަށް ޖަވާބުދޭނަން" ކަމަށް ވިދާޅުވެފަ އެވެ. ހަމަ އެހެންމެ މިކަމާ ގުޅިގެން އިތުރު ސުވާލުތަކެއް ކުރުމަށް އުޅުމުން "މިގަޑިއަކު ނޫން ދޯ" ވިދާޅުވި އެވެ. އެއަަށްފަހު އެމަނިކުފާނު ކާރުކޮޅަށް އަރާ ވަޑައިގެން ވަޑައިގެންނެވީ އެވެ.

މީގެ އިތުރުން ރައީސް ހުންނެވި ސަރަަހައްދުގައި ތިބި އާންމުން ވަނީ ކުރީގެ ރައީސް ޔާމީން މިނިވަންކުރައްވާނީ ކޮންއިރަކުންތޯ ވެސް ސުވާލުކުރައްވާފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ވެސް ރައީސް އިތުރު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ތުހުމަތުތަކެއްގައި އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް ސޯލިހް، ރެހެންދި ފްލެޓުން ގެންދެވިކަމުގެ ތުހުމަތުތަކެއް ވަނީ ކުރައްވާފަ އެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި، ރައީސް ސޯލިހްއަށް އެ ފައިސާ ހަވާލުކުރީ އޭރު ޓޫރިޒަމް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަހްމަދު އަދީބެވެ. އަދި ރައީސް ސޯލިހު ކަޅު ދަބަސް ގެންދާ ވީޑިއޯ ފުޓޭޖް ވެސް ފުލުހުންގެ އަތުގައި ހުންނާނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން ވަނީ ރައީސް ސޯލިހުގެ މައްޗަށް ކުރާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.