ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނޭ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރަން ނޯޓިސް ފޮނުވައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބޭފުޅުން މަގާމުން ވަކި ކުރުމަށް ނޯޓިސް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

އޭސީޕީ ޖަމްޝީދާއި ޓޫފޯ ވަނީ 2019 ވަނަ އަހަރުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. މިދެ ބޭފުޅުންނަކީ ވެސް ކުރީގެ ސަރުކާރުން އެސިސްޓަން ކޮމިޝަނަރުންނަށް އައްޔަންކުރެއްވި ބޭފުޅުންނެވެ.

ފުލުހުންގެ ވަޒީފާއިން އެ ދެބޭފުޅުން ވަކިކުރުމަށް ސީޕީ ހަމީދު ނޯޓިސް ފޮނުވާފައި މިވަނީ، ފުލުހުންގެ އިސް ހަތް އޮފިޝަލަކު މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން ލަފާދީފައިވާތާ ދުވަސްތަކެއް ފާއިތުވި ފަހުންނެވެ. އެހެން ނަމަވެސް ދެން ބޯޑުން ލަފާދީފައިވާ އޮފިޝަރުންނަށް ވަޒީފާއިން ވަކި ކުރުމަށް ނޯޓިސް ފޮނުވި ކަމެއް ނޭނގޭ އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ފަރާތްތަކުގެ ލިސްޓު ފޮނުވާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި އެކަން ތަންފީޒު ކުރާނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

އޭގެ އިތުރުން އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެ އެވެ.