"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ނަމުގައި އަނެއްކާ ވެސް އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދީފި އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފައި ވަނީ މ. ކެލަން، މުހައްމަދު އިސްމާއިލް ހުށަހެޅުއްވި "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ.

މިގޮތުން އެންމެ ފުރަތަމަ މުހައްމަދު އިސްމާއިލް ވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ އެއީ ސިޔާސީ ޕާޓީއަކަށް ކިޔުމަށް އެންމެ އެކަށީގެންވާ ނަމެއް ނޫން ކަމަށް ކަނޑައަޅައި، އެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަ ނުދީފަ އެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި، ޕާޓީ ހުށަހެޅުމަށް އެދި އެކަމަށް ހުއްދަ ލިބުމުން، ޕާޓީއަށް އެކަށީގެންވާ މެމްބަރުން ހަމަކުރުމަށް ފަހު ރަޖިސްޓްރޭޝަނަށް ހުށަހަޅަންޖެހެ އެވެ. އެގޮތުން ޕާޓީ ރަޖިސްޓްރީ ކުރެވެނީ މަދުވެގެން 3،000 މެމްބަރުންގެ ސޮއި ހަމަވެގެންނެވެ.

މިދިޔަ ހަފްތާގައި ވެސް ވަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި އަލަށް ޕާޓީއެއް އުފެއްދުމަށް ވެސް ރަޖިސްޓްރީކޮށްފަ އެވެ.

އެމްއެންޕީން ވަނީ ރަޖިސްޓްރީ ކުރެވޭ މެމްބަރުންގެ އަދަދަށް ވުރެ ވެސް ގިނަ މެމްބަރުންނާއެކު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. އަދި ޕާޓީ ހިންގުމަށް ހުއްދަ ދިންތާ އެންމެ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީން 5،000 މެމްބަރުންގެ ސޮޔާއެކު ރަޖިސްޓަރީ ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަަހަޅައިފަ އެވެ.