ނައިބު ރައީސް ފައިސަލް ނަސީމްގެ ހާލުކޮޅު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ނައިބު ރައީސް ފައިސަލް އެޑްމިޓްކުރީ ފުޑް ޕޮއިޒަންވެ، ހާލުދެރަވާން ފެށުމުން އިއްޔެ އެވެ. އަދި މިހާރު އެ މަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ.

ރައީސް އޮފީހުގެ ތަރުޒަމާން މަބުރޫކް އަޒީޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނައިބު ރައީސް ފައިސަލްގެ ހާލުކޮޅު ދެރަވެ، ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުން ގެންދާ ކަމަށެވެ.

އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރި ފަހުން، މިހާރު ފައިސަލްގެ ހާލުކޮޅު "ސްޓޭބަލް" ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އެހެން ނަމަވެސް ނައިބު ރައީސް ފައިސަލް އެޑްމިޓްކޮށްފައިވަނީ ކޮން ބަޔަކާ ގުޅިގެން ކަމެއް ރައީސް އޮފީހުން ނުބުނެ އެވެ.

މީގެ ކުރިން ވެސް ނާއިބު ރައީސަށް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފަ އެވެ. އެފަހަރުވެސް ހުން މާބޮޑަށް ގަދަވުމުން ފަރުވާ ދިނުމަށްފަހު ފަހުން ވަނީ ގެކޮޅަށް ބަދަލުކޮށްފަ އެވެ.