އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްސަލަ ވަރަށް އަވަހަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ ހަމީދު އެކަން ހާމަކުރެއްވީ ރޭ ޓީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ އެންޓިކޮރަޕްޝަން ކޮމިޝަނާއި ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެންނެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހްމަދު އަސްއަދު ވެސް ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށެވެ. ނަމަވެސް އޭގެފަހުން އެތައް ދުވަހެއް ވެގެންދިޔައިރުވެސް އެ މައްސަލަތައް ޕީޖީއަށް ފޮނުވިފައެއް ނުވެ އެވެ.

ސީޕީ ހަމީދު ރޭ ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި މިހާތަނަށް 10 މީހެއްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައަކީ މާލީ ކުށްތަކެއް އެކުލެވޭ މައްސަލައެއް ކަމުން، ވަރަށް ކޮމްޕްލެކްސް މައްސަލައެއް ކަމަށްވާތީ އެންމެ ބޭނުންވާ އަވަސް މިނުގައި ތަހުގީގު ނުކުރެވޭ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ޖަލަށްލާފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ލޯންޑާކުރި ކަމަށް ބުނެ އެވެ.