މާލެ ކައިރީގައި އޮންނަ އެނބޫދޫ ފަޅުގައި ހަދާ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގެ ބިންގާ އަޅައިފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ ރާއްޖޭގައި މިފަދަ ގިނަ މަޝްރޫއުތަކެއް ހިންގާ ހިމާ ހޯލްޑިންގްސް އިން ލަންކާގެ ސަންކެން ގްރޫޕް އާއި ސިންގަޕޫރުގެ ސިންގަޕޫރު ހޮސްޕިޓާލިޓީ ހޮލްޑިންއާ ގުޅިގެންނެވެ.

އެތަނުގައި ހަދަނީ ޖޭޑަބްލިއު މެރިއޮޓް ބްރޭންޑްގެ ނަމުގައި 80 ވިލާގެ ލަގްޒަރީ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ 2023 ވަނަ އަހަރު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިހަ މިނެޓުން ދެވޭ މި ލަގްޒަރީ ރިސޯޓު ވެގެންދާނީ ފަތުރުވެރިކަމަށް އިތުރު އާރޯކަން ގެނެސްދޭނެ ރިސޯޓަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ރިސޯޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަންކެން ގްރޫޕްގެ ސީއީއޯ މޭވަން ގުނަތިލަކޭ ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކު ވެސް، ބޭރުގެ އިންވެސްޓަރުންނަށް، ރާއްޖޭގައި އިންވެސްޓްކުރަން ފުރުސަތު ލިބުމަކީ އިންވެސްޓަރުންނަށް ލިބިގެންދާނެ އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން މިފަދަ މަޝްރޫއުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ސްރީލަންކާގެ ބޭންކުތަައް ކަމަށްވާ ނެޝަންސް ޓްރަސްޓް ބެންކް (އެންޓީބީ)ގެ އިތުރުން ޑީއެފްސީސީން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިމާ ހޯލްޑިންގްސްގެ ޗެއާމަން އަހްމަދު ހަސަން މަނިކު ވަނީ ރިސޯޓު ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ސަބަބުން، ގިނަ ފައިދާތަކެއްވާނެ ކަމަށް ފާހަގަކުރައްވާފަ އެވެ. ހަމައެހެންމެ މިފަދަ ބޮޑެތި އަދި ކާމިޔާބު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެކަށީގެންވާ އަދި ގާބިލު އިންވެސްޓަރުން އިހްތިޔާރުކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ފަތުރުވެރިން އެންމެ ހިތް އެދޭ ހިދުމަތްތަކަކާއި ގުދުރަތީ ވަސީލަތްތައް ލިބިފައިވާ މަންޒިލެއްކަން ގިނަ އިންވެސްޓަރުން ވަނީ މިި ރަސްމިއްޔާރުގައި ފާހަގަކުރައްވާ އެވެ.