ރާއްޖެއިން 400،000 ވެކްސިން ބަންގްލަދޭޝް އާއި ނޭޕާލަށް ހަދިޔާ ކުރުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ގައުމުގެ ތެރެއިން ކޮންމެ ގައުމަކަށް އެސްޓްރާޒެނެކާ ވެކްސިންގެ 200،000 ޑޯޒް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިދޔަ ބުދަ ދުވަހު ބަންގްލަދޭޝްއަށް ހަދިޔާ ކުރާ ވެކްސިން އެ ގައުމާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ބަންގްލާދޭޝް އާއި ނޭޕާލަށް ކޮވިޑް ވެކްސިން ހަދިޔާ ކުރަން ނިންނި މައިގަނޑު ސަބަބަކީ ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ވެކްސިން ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ޖެހިއިރު، އަދި ކައިރި ގައުމުތައް އެބައުޅޭ 50 ޕަސެންޓް ވެސް ނުޖެހޭ. އެހެންވެ، އަޅުގަނޑުމެންނަށް ލިބުނު ވެކްސިން ވޭސްޓްކޮށް ނުލައި އެ މީހުންނަށް އެހީވުމަކީ ކުރަން ޖެހޭނެ ކަމެއް،" މަބްރޫކް ވިދާޅުވި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މިހާރު ވަނީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފަ އެވެ. އެގޮތުން 343،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ. އަދި ހައި ރިސްކް މީހުންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ވެސް ޖަހައިދެމުންނެވެ.