ރާއްޖެެއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޔޫއެންޖީއޭގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މިރޭ އެމެރިކާއަށް ފުރާ ވަޑައިގެންފި އެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ގައުމެއްގެ އިސްވެރިއަކަށް ދެއްވާ ދަރަޖައިގައި އެމަނިކުފާނަށް ވަނީ ސަރުކާރުން މެހެމާންދާރީ އާއި އިއްޒަތް އަރުވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ރަސްމީ ވާހަކަތައް ބާއްވަވައި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޝާހިދުގެ ޝަރަފުގައި ރަސްމީ ޖާފަތެއް ދެއްވާފަ އެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޝާހިދު ކޮށްދެއްވި ގައުމީ ހިދުމަތް ފާހަގަކުރުމުގެ ގޮތުން، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފަ އެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާނުންނާ ކިޔަވާކުދިންނަށް ޔޫއެންގެ މައުލޫމާތު ދެއްވާ، ޑިޕްލޮމެޓިކް ކޮމިއުނިޓީއާއި އދ. ގެ ބައެއް އޮފީސްތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރެއްވި އެވެ. އެމަނިކުފާނު ވަނީ ރާއްޖެ ޓީވީއަށާއި ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގެ މެހެމާނެއްގެ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗް ބައްލަވާލެއްވުމަށް ވެސް އެމަނިކުފާނު ވަޑައިގެންނެވި އެވެ.
ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން އދ. ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވޭނެތޯ ވަރަަށް ގިނަ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. ގާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ލިޔެވިފައިވާ ފަދައިން އެމަނިކުފާނަށް ދެ މަގާމު އަދާ ނުކުރެއްވޭނެ ކަމަށް ގާނޫނީ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި ޝާހިދު ވަޑައިގެން ނޫޅުއްވާނަމަ ފޮރިން މިނިސްޓްރީ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ފޮރިން ސެކްރެޓަަރީ އަބްދުލްޣަފޫރެވެ.
މިނިސްޓަރު ޝާހިދަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.