ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ރެފިއުޖީންގެ ބަޔަކު އަތުލައިގަނެ ރާއްޖެ ސަރުކާރާ ހަވާލުކުރިކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންގެ އިދާރާއަށް މިހާތަނަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކަނޑުގެ ސަރަހައްދުތައް ސިފައިން އާންމު އުސޫލާއި އެއްގޮތަށް ބަލަހައްޓަމުން ދާއިރު، އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވަނީ އެކަމުގެ މައުލޫމާތު ދެއްވާނީ ފުލުހުން ނުވަތަ ހޯމް މިނިސްޓްރީން ކަމަށް ބުނެފަ އެވެ

ފުލުހުންގެ މީޑިއާ އޮފިޝަލަށް އެކަމާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވާކަން ފާހަގަކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް އެބަކުރަން
ފުލުހުންގެ މީޑިއާ އޮފިޝަލް

އިންޑިއާގެ ޓެމިލްނާޑުގެ ރެފިއުޖީ ކޭމްޕްތަކުން ފިލައިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް ހިފަހައްޓާފައިވާއިރު، މީގެތެރޭގައި މަދުރާއި އާއި ޓްރިޗީގެ ކޭމްޕްތަކުން 85 މީހުން ފިލި ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ 59 މީހުންނަކީ ރެފިއުޖީން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުންޏެވެ. އެ މީހުން އަތުލައިގެންފައި ވަނީ ދަތުރުކުރަމުން ދިޔަ ފެރީ ޑިއާގޯ ގާސިޔާ ކައިރިއަށް ހުއްޓުމުންނެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަމުން ޓެމިލްނާޑޫގެ ފުލުހުން ބުނީ އެ މީހުން މަސައްކަތްކުރީ ކެރެލާއިން ސައުތް އެފްރިކާއާ ދިމާލަށް ދަތުރުކުރުމަށް ކަމަށެވެ. އަދި އެއީ ކެނެޑާއަށް ގޮސް އެ ގައުމުން ހިމާޔަތް ހޯދުމުގެ މަގުސަދުގައި ކަމަށް ޓެމިލްނާޑުގެ ފުލުހުން ބުނެ އެވެ.

އެހެން ނަމަވެސް އެ މީހުން ބޭނުންވި ގޮތަށް ކަންތައް ނުވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި ރާއްޖެއާ މޮރިޝަސްއާ ދެމެދަށް ފެރީ ހުއްޓުނުއިރު، އެ މީހުން ސަލާމަތްކޮށްފައި ވަނީ ޑިއަގޯ ގާސިޔާގައި އެ ވަގުތު ހަރަކާތްތެރިވަމުންދިޔަ އެމެރިކާ ސިފައިންނެވެ.

އަތުލައިގަނެވުނު މީހުންގެ އަތުގައި ސައްހަ ޕާސްޕޯޓެއް ނެތްއިރު، އެ މީހުންގެ މައުލޫމާތު ލަންކާ އަދި އިންޑިއާގެ ސަރުކާރާއި ދިވެހި ސަރުކާރުން ވަނީ ހިއްސާކޮށްފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.