ކުރީގެ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތަކާއި ގުޅޭ މައްސަލަ ހުށަހެޅުމަށް ހޮޓްލައިނެއް ތައާރަފް ކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާ ފްލެޓްތަކާއި ގުޅޭ މައްސަލަތައް ހުށަހެޅުމަށް މައްސަލަތައް ހުށަހެޅުމަށް އެއިދާރާގެ 7253535 ނަމްބަރަށް މެސެޖު ކޮށްލައިގެން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ މި ތައާރަފް ކުރެވުނު ހޮޓްލައިންއާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. ހޮޓްލައިންއަށް މެސެޖްކުރާއިރު، އެ މެސެޖުގައި މީހާގެ ފުރިހަމަ ނަން، ގުޅޭނެ ފޯނު ނަމްބަރު، ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުން ފިލުވަން ބެނުންވާ މައުލޫމާތު ފޮނުވަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި މިހާރު ބައެއް އާއިލާތައް ދިރިއުޅެމުން އަންނައިރު، ބައެއް ފަރާތްތަކަށް ދަތިތަކެއް ހުރުމުންނާއި ތަނުގައި މައްސަލަތަކެއް ހުރުމުން އަދި ބަދަލުވެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި އެސަރަހައްދުގައި އަސާސީ ހިދުމަތްތައްދޭ ނުފަށާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. އަދި އެސަރަހައްދުގައި މަގުތަކުގެ ލައިޓްތައްވެސް ދިއްލާފައި ނުހުންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަކަށް ބޮޑު ފެން ބިލުތަކެއް ފޮނުވި މައްސަލައެއްވެސް ފެންމަތިވެ، އެމައްސަލަ މިހާރު އެމްޑަބްލިޔުއެސްސީން އަންނަނީ ބަލަމުންނެވެ.