ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް ފަހުގައި، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ދުވަސް ގުނައިގެން ބަންދުގެ މުއްދަތު އިތުރުކުރާ ގޮތަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލާނެކަމަށް ބުނެ ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރު ދިނުމާއި ގުޅިގެން ރ. މީދޫ އިން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ އިސްމާއިލް ޔާސިރު އެވެ. އޭނާ ހައްޔަރުކޮށްފައިވަަނީ ސޯޝަލް މީޑިޔާގައި ރައީސް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނުމުންނެވެ.

އެގޮތުން އޭނާ، ރައީސް ނަޝީދު ރާއްޖެ އަނބުރާ އައިސްފި ނަމަ އަބޫޖަހުލަށް ބަދުރު ހަނގުރާމައިގައި ހެދި ގޮތް ހަދައިލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފައިވެ އެވެ.

މި މައްސަލައާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެކަން ފާހަގަކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި އޮގަސްޓު މަހު 23 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް އުނގޫފާރު ކޯޓަށް ގެންގޮސްފައިވާއިރު، އޭނާއަށް ވަނީ ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން ވެސް 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.