އދ. ދަނގެތީ ވިޔަފާރިވެރިއަކު މަރާލާފައި އޮތްވައި މިއަދު ފެނިއްޖެ އެވެ.

އެރަށުގައި މަރާލާފައި އޮތްވައި ފެނުނީ މެންދުރު ފެނުނީ "މޮނަލާޒް ބީޗް ކެފޭ" ނަމުގައި ކެފޭ ހިންގައި އަދި ޗާންދު ސްޓޯރުގެ ނަމުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މަހުމޫދު އަބޫބަކުރު 57، އެވެ.

މަހުމޫދު ގެއްލިގެން ދަނގެތީ ކައުންސިލުން ހޯދަން ފެށީ މިއަދު ހެނދުނު ކަމަށްވެ އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މަހުމޫދު މަރާލާފައި އޮތްވައި ފެނުނީ ރަށުގެ މެދުތެރޭގައި ހުންނަ ފަޅު ގެއެއްގެ ވަޅެއްގެ ތެރޭގައި ގޯންޏަކަށް ލާފައި އޮތްވަ އެވެ.

"މަހުމޫދު ގެއްލިގެން ހޯދަން ކައުންސިލުން މިއަދު ހެނދުނު ގޮވާލުމުން މިރަށު އެންމެ ނުކުތީ ރަށުގެ ހުރިހާ ތަނެއް ބަލައި ފާސްކުރަން. އެހެންވެ އެކި ތަންތަން ހޯދަމުން ދަނިކޮށް ވަޅެއްގެ ތެރޭގައި ގޯންޏަކަށް ލައި ވައްޓާލާފައި އޮތްވައި ފެނުނީ،" އޭނާ ބުންޏެވެ.

3.607413, 72.955404

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަނގެތީގައި ގޯންޏަކަށް ލައި، އެއްލާލާފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

"އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ފަހުން ބުނީ މަހުމޫދުގެ ހަށިގަނޑު ވަޅުން ނަގައިގެން އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި މައްސަލަ ތަހުގީގުކުރި ނަމަވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.