އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލި މަޙްމޫދުގެ މަރުގެ ފަހަތުގައިވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް ގޮވާލައްވައިފި އެވެ.

ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ދަނގެތީގެ މަޝްހޫރު ވިޔަފާރިވެރިޔާ މޮނަލާޒް މަހްމޫދު އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލައި ވަޅަކަށް ވައްޓާލާފައި އޮތް އޮތުން، ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

އޭގެ އިތުރުން މަހުމޫދު މަރާލުމުގައި ޝާމިލްވާ މީހުން ހޯދަން ޖެހޭކަމަށާއި، އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް ނާޒިމް ވަނީ ދިވެހި ފުލުހުންނަށް ގޮވާލާފަ އެވެ.

ރަހުމު ކުޑަގޮތަކަށް މަރާލައި ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް އެއްލާލާފައި އޮއްވައި ފެނުނު މަހުމޫދަކީ ދަނގެތީގައި ކާޑުގެ ވިޔަފާރި އާއި ހޮޓަލެއް ހިންގާ ވިޔަފާރިވެރިއެކެވެ. އަދި އެރަށު މީހުން ގަބޫލުކުރާ ގޮތުގައި އޭނާ މަރާލާފައި ވަނީ ފޭރުމުގެ މަގުސަދެއްގަ އެވެ. ޓެސްޓްތައް ހެދުމަށް މަހުމޫދުގެ ހަށިގަނޑު މާލެ ގެނައުމަށް ފަހު ވަނީ އަލުން އަނބުރާ ދަނގެޗަށް ފޮނުވާލާފަ އެވެ.

މި މައްސަލައިގަ ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގު ލަސްވުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް ފުލުހުން ބުނީ މަރުގެ މައްސަލާގައި ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގުކުރުމަށް ފުލުހުންގެ ހާއްސަ ތަހުގީގީ ޓީމެއް އެ ރަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.