އުމުރުން ދުވަސްވެ މީހާ މުސްކުޅިވުމަކީ ގުދުރަތީ ގޮތުން އަންނަ ބަދަލެކެވެ. ގިނަ ފަހަރަށް އުމުރަށް ވުރެ މުސްކުޅި ކަމަށް ދައްކުވައިދެނީ ދިރިއުޅުމުގެ ވައްޓަފާޅި ބެހެއްޓޭ ގޮތަކުންނެވެ. ނަމަވެސް ބައެއް ފަހަރު އާއިލީ ގޮތުން ވާރުތަވާ ކަންކަމުގެ ސަބަބުންނާ ސިއްހީ ގޮތުން ދިމާވާ މައްސަލަތކުގެ ސަބަބުން ވެސް މީހާ މުސްކުޅި ކަމައް ދައްކަ އެވެ. މިހެންވުމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅި ކޮންމެ ގޮތަކަށް ބެހެއްޓި ކަމުގައި ވިޔަސް މީހާ މުސްކުޅި ކަމަށް ދައްކަ އެވެ.

ކަސްރަތު

ގަވާއިދުން ކަސްރަތުކޮށް ސިއްހަތު ސަލާމަތުން ފިޓްކޮށް ހުރުމަކީ ޒުވާންކޮށް ހުރުމަށް މުހިންމު ކަމެކެވެ. ކަސްރަތުގެ ގޮތުގައި ހަފްތާއަކު 150 މިނިޓް ހިނގާލާ، އާދައިގެ އެއިރޮބިކްސް އެއް ހަދާ، ޔޯގާ ހަދާ، މާޝަލް އާޓްސްގައި ހަރަކާތްތެރިވެ، ކުޅިވަރެއް ކުޅެ ނުވަތަ ނެށުން ވެސް ބެލެވެ އެވެ. ހެލިފެލިވެ އުޅުމަކީ ލޭހިނގުން ރަގަޅުވެ، ހަޖަމްކުރުމުގެ ނިޒާމް ހަމައަކަށް އެޅި، ހިތުގެ މަސްތައް ވަރުގަދަވެ ހަށިގަނޑުގައި ހުންނަ ވިހަ ބޭރުވާނެ ކަމެކެވެ. މިކަންކަން ރަގަޅަށް ހުންނަ މީހާ ޒުވާންކޮށް ހުންނާނެ އެވެ.

ދުންފަތުގެ އިސްތިއުމާލް ކުރުން

ހަށިގަނޑަށް ގެއްލުން ދިނުމުގެ ގޮތުން ތިމާއަށް ކުރެވޭ އެއްމެ ބޮޑު އެއްކަމަކީ ދުންފަތުގެ އިސްތިއުމާލަ ކުރުމެވެ. ސިނގިރޭޓަކީ ކަނޑައެޅިގެން އިންސާނާ މަރުގެ ތުންފަތް މައްޗައް ގެންދިއުމައް ބޮޑު ބައެއް ކުޅޭ އެއްޗެއްކަން އެނގިހުރެ، ގިނަ ބަޔަކު މިކަން ދަނީ ކުރަމުންނެވެ. ސިނގިރޭޓުގައި މޮނޮކްސައިޑްގެ އިތުރުން ކެންސަރައް މަގުފަހިކުރުވާ 4،000 މާއްދާ ހިމަނާފައިވެ އެވެ. ދުންފަތުގެ ސަބަބުން ކަށިތައް ބަލިވެ ފީވުމުގެ އިތުރުން މީހާގެ ހަމުގައި ރޫޖެހި މުސްކުޅިކަމަށް ދައްކަ އެވެ.

ގިނައިން ފެން ބުއިމުން ތިމާ ޒުވާންކަން މަތީ ދެމިހުރުމަށް މަގުފަހިވޭ

މަދުން ފެން ބޮއުމުގެ މައްސަލަ

ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ދުވާލެއްގެ މައްޗައް ގަވާއިދުން 8-6 ތަށި ފެންބޯން ޖެހެ އެވެ. ނަމަވެސް ގިނަބަޔަކު ބިޒީ ޝެޑިއުލްގެ ސަބަބުން ނުވަތަ އެހެންވެސް ކަމަކުން މިކަން ނުކޮއް ދޫކޮށްލަ އެވެ. ހަށީގަނޑުގެ ގުނަވަންތައް ގަވާއިދުން ބަރާބަރަށް މަސައްކަތް ކުރުމަށް ފެނަކީ ވަރަށް ވެސް މުހިއްމު އެއްޗެކެވެ. ފެން ބުއިން މަދުވާނަމަ ހަމުން އެކަން ވަރަށް ފަސޭހައިން އެނގިގެން ދާނެ އެވެ. ގަވާއިދުން ފެންބޯނަމަ ހަމަށް ހީވެސް ނުކުރާ ފަދަ ރަނގަޅު ބަދަލުތަކެއް އަންނާނެ އެވެ.

ފައިދާހުރި ކާނާ ކެއުން

ރަނގަޅު ގުދުރަތީ ކާނާއަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެކައްޗެވެ. އަދި ތައްޔާރީ ކާނާއިން މީހާގެ ސިއްހަތު ހަލާކުކޮށް، ވަރުބަލި އަދި ދުވަސްވީކަމަށް ދައްކާނެ އެވެ. އެކަށީގެންވާ ރަގަޅު ކާނާ ނުކާނަމަ އެއީ އެކި ބަލިތަކަށް ދެވޭ ދައުވަތެކެވެ. ބަލިވުމަކީ އެންމެ ފަސޭހައިން ދުވަސްވީ ކަމަށް ފެންނަ ސަބަބެވެ.