މާސްގައި ދިރިއުޅުމަށް ބޭނުންވާ މީހުނަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ އެ ޕްލަނެޓަށް ދަތުރުކުރުމެވެ. މާސްއަށް ދާން އެ ޕްލެނެޓާ ބިމާ ލެވެލް ވާ ހިސާބަށް އަންނަން ދެން މަޑުކުރަން ޖެހެ އެވެ. އެގޮތަށް ލެވެލް ވިޔަސް އެއީ އަދި ދަތުރު މާބޮޑަށް ކުރުވާ ކަމެއް ނޫނެވެ. މާސްގައި މިވަގުތު އޮތް ޕާސިއަވެންސް ރޯވާ އެ ހިސާބަށް ދިއުމަށް ވެސް ހަތް މަސް ދުވަސް ނެގި އެވެ.
އެހެން ނަމަވެސް ސައިންޓިސްޓުން ގަދައަޅައި ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާސްގެ ދަތުރު އަންނަނީ ފަސޭހަވެ، ކުރު ވަމުންނެވެ. މިހާރުގެ އަންދާޒާތަކަށް ބަލާއިރު ކުރިޔަށް އޮތް ދިހަ އެއް ނުވަތަ ވިއްސަކަށް އަހަރުގެ ތެރޭގައި މާސްއަށް އިންސާނުން ދަތުރު ކުރާނެ އެވެ. މާސްގައި ވަޒަން ވެރިވުމަށް ބޭނުންވާ ކަންތައްތަކާ ބެހޭ ގޮތުން ކަމާ ބެހޭ ތަޖުރިބާކާރު ދެ ސައިންސް ވެރިންނާ ބީބީސީން ވަނީ ވާހަކަ ދައްކައި މައުލޫމާތު ހޯދާފަ އެވެ. ތިރީގައި މިވަނީ ބީބީސީން އެ މީހުންނާ ދެއްކި ވާހަކައިގެ ޚުލާސާ އެވެ.
ލެއާ ދަލާ ކަރުނަ
މާސްގައި ވަޒަންވެރިވުމަށް ބަލާއިރު އެންމެ ފުރަތަމަ ވިސްނަން ޖެހެނީ އެތާގައި އެމީހުން އުޅޭނޭ ތަންތަން ބިނާ ކުރުމަށެވެ. ޔުނިވާސިޓީ އޮފް މެންޗެސްޓާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އާލިޑް ރޮބާޓްސް ވިދާޅުވި އެވެ.
"އެހެން ޕްލަނެޓް ތަކުގައި އުޅުމާ ސްޕޭސް ދަތުރުކުރުން ފަދަ ކަންކަމުގައި އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ ރޭޑިއޭޝަނުގެ ނުރައްކާ،" އޭނާ ވިދާޅުވި އެވެ.
ރޭޑިއޭޝަނަކީ އިންސާނުންގެ ސިއްހަތަށް އާދަޔާ ޚިލާފު ނުރައްކާ ކުރާ އެއްޗެކެވެ. ދުނިޔެ ވަނީ މިފަދަ ރޭޑިއޭޝަންތަކުން ސަލާމަތީ ފަށަލަޔަކުން ވަށާލެވިފަ އެވެ. އެހެނަސް ދުނިޔޭގެ މި ފަށަލަތައް ފަހަނަޅާ ދިއުމުން ރޭޑިއޭޝަނުން ދިފާއުވާނެ ގޮތް އަމިއްލައަށް ހޯދަން ޖެހެ އެވެ.
ސްޕޭސްއަށް ދަތުރުކުރުމަށް ބޭނުންކުރާ އުޅަންދުތައް ބަންނަން ބޭނުންކުރާ މާއްދާތަކަކީ ވެސް ހިސާބަށް ވުރެ އަގު ބޮޑު ތަކެއްޗެވެ. މާސްގައި ދިރިއުޅުމަށް ބިނާކުރާ ކޮންމެ ތަނެއް ވެސް ހަދަން ޖެހޭނީ މާސްއިން ލިބެން ހުރި އެއްޗަކުންނެވެ.
ޑރ. ރޮބާޓްސް ވިދާޅުވި ގޮތުގައި މާސްގެ ބިމުގައި ހުންނަ ހިރަފުހަކީ ރޭޑިއޭޝަނުން ސަލާމަތްވުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެކެވެ. އެކަމަކު އެހެން އެއްޗަކާ އެއްކޮށްގެން ނޫނީ އެ ހިރަފުހަކީ އެއިން އެއްވެސް ބޭނުމެއް ހިފޭނޭ އެއްޗެއް ނޫނެވެ.
މާސް އާ ގުޅުމެއް ނެތް އެހެން ޕްރޮޖެކްޓެއްގެ ދިރާސާގެ އަލީގައި ޑރ. ރޮބާޓްސް ވިދާޅުވި ވިގޮތުގައި މާސްގެ ހިރަފުހާ އިންސާނުންގެ ލޭ ފަދަ ބާވަތްތައް އެއްކޮށްލުމުން ސިމެންތި އަށްވުރެ ވެސް ބާރުގަދަ މާއްދާއަކަށް ބަދަލުވެގެންދެ އެވެ. އެހެންކަމުން މުސްތަގުބަލުގައި އިންސާނުން މާސްގައި އާބާދުވުމަށް ބޭނުންވާ ގެދޮރު އެޅުމަށް އެއީ އޮތް އަލިމަގެކެވެ. ނަމަވެސް ދާއިމީ ގޮތެއްގައި އިންސާނުން މާސްގައި އާބާދުވާން ގެދޮރު އެޅުމަށް ބޭނުންވާ މާއްދާތައް އުފެއްދުމަށް އެއީ އެކަށީގެންވާ ގޮތެއް ކަމަށް ނުފެނެ އެވެ. އެއީ ކުއްލި ހާލަތުގައި ބޭނުން ކުރެވިދާނެ ގޮތެއް ކަމަށް ޑރ. ރޮބާޓް އެއްބަސް ވެވަޑައިގެންނެވި އެވެ.
ކާބޯތަކެތި
ކާބޯ ތަކެއްޗަކީ މާސްގައި މީހުން ދިރިއުޅެން ބަލާއިރު އެންމެ އުނދަގުލުން ލިބެން އޮތް އެކައްޗެވެ. އިންސާނުން ދިރިއުޅޭ ބިމަކީ އެމީހުނަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ބޭނުންވާ ފަހާއި އަތްވާއި ވާރޭ ލިބެން ހުރި ތަނެކެވެ. އެކަމަކު މާސްގައި މިފަދަ އެއްވެސް ވަސީލަތެއް ނެތެވެ. ގަސްގަހާ ގެއްސާ ބެހޭ ޚާއްސަ ބޭފުޅެއް ކަމަށްވާ ޑރ. ކެވިން ކެނަން ކިޔައި ދެއްވި ގޮތުގައި މާސްގައި ކާބޯތަކެތި ހެއްދުމުގައި އެންމެ ބޮޑު އުނދަގުލަކަށް ވާނީ އެއްވެސް ބާވަތެއްގެ ގޮވާމެއް ހާމަ ބިމުގައި ނެހެއްދޭނެ ކަމެވެ.
މާސްގެ ފިނި ހޫނު މިން، ގަސްގަހާގެއްސަށް އެކަށީގެން ނުވާތީ ކޮންމެ ފަދަ ގަހެއް ވެސް ހައްދަން ޖެހޭނީ ހިޔާކޮށްފައިވާ ތަނެއްގަ އެވެ. ޑރ ކެވިން ގަބޫލު ކުރައްވާ ގޮތުގައި މީޓުގެ ބަދަލުގައި ފަނި ފަދަ ތަކެތި މާސްގައި ކާން ޖެހިދާނެ އެވެ. ސަބަބަކީ ބިމުން މީޓް ސަޕްލައި ކުރުމަކީ ޚަރަދު ބޮޑު ނާދިރު ކަމަކަށް ވުމެވެ. ދުނިޔެއާ ޚިލާފަށް މާސްގެ ބިންގަނޑުގައި ގަސް ހެއްދުމަށް ބޭނުންވާ ފަދަ ފަސް ނެތުމުގެ ސަބަބުން ފަހާ ނުލައި ގަސް ހެއްދޭނެ ގޮތްތައް ވެސް ބޭނުން ކުރަން ޖެހޭނެ އެވެ.
އިންސާނުން ރެޑް ޕްލަނެޓް މާސްއަށް ދިއުމަށް ކިތަންމެ ޝައުގުހުރި ކަމަށް ވިޔަސް އަދި އެކަމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ސްޕީޑް އަވަސްވެފައިވީ ކަމަށް ވިޔަސް މާސްގައި އިންސާނުން ދިރިއުޅުމަކީ ފަސޭހަކަ މަކަށް ނުވާނެ އެވެ. ނަމަވެސް އެ ޕްލެނެޓަށް ދާން ކުރެވޭ މަސައްކަތަށް ހުއްޓުމެއް ނެތެވެ.
މާސްގައި ހުންނަނީ ހިލަޔާއި ހިލަވެލިތޯ، ނޫނީ ކޮރޮލް ވެލިތޯ