މާލެ ރަސްމީ ފާލަން ކައިރީ ތޮށިގަނޑުމަތީގައި މިއަދު ހެނދުނު މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

މޫދަށް ވެއްޓި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެއްސެކެވެ. އަދި އޭނާ މޫދަށް ވެއްޓުނީ މާލެ އަށް މިއަދު ހެނދުނު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ވައިގަދަވުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގައި ކަމަށެވެ. އަދި އެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން، އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ މަރުވެފައި ވަނީ ހެނދުނު 7:20 ގައި ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ އެވެ.

މިއަދު ހެނދުނު މާލެ އަށް ގަޑިއަކު 22-27 މޭލާ ދެމެދުގަ ވައި ޖެހިފައި ވާއިރު، ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 50 މޭލަށެވެ.

ރާއްޖެއަސް ކުރަމުން ގެންދާ ވިއްސާރައިގެ ސަބަބުން އެކި ސަރަހައްދުތަކަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އަންގާފައިވާއިރު، އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުތައް ކުރާއިރު ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަމުންނެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހޮނިހިރު ދުވަހު ވެސް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގާފަ އެވެ. ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވަނީ ގެއްލިފަ އެވެ. ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.