ރިސޯޓެއްގެ އަތިރިމަތީގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެމީހާ މަރުވުމާ ގުޅިގެން އިއްޔެގެ މެންދުރު އެކެއް ޖަހާކަންހާއިރު ފުލުހުންގެ އިދާރާއަށް އެ މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ޓޫރިސްޓް މަރުވެފައި އޮއްވައި ފެނިފައިވަނީ ކ. އަނަތްރާ ދިގު މޯލްޑިވްސް ރިސޯޓުގެ ބީޗް ސަރަހައްދުންނެވެ. އަދި އޭނާ އަކީ ކޮރެއާ އަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެއް ފުލުހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އޭނާ މަރުވި ސަބަބު މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި އިތުރަށް ތަުގީގު ކުރަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގައި މޫދުގެ ސަރަހައްދުގައި މިއަދުވެސް މިފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ. މިގޮތުން މާލެ ރަސްމީ ފާލަން ކައިރީ ތޮށިގަނޑުމަތީގައި މިއަދު ހެނދުނު މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެފައިވާއިރު، އުސްފަސްގަނޑު ސަރަހައްދަށް ބޯވަ ނަގަން ގޮސް އުޅެނިކޮށް އޮޔާދިޔަ މީހަކު ވެސް މިއަދު ވަނީ ސަލާމަތްކޮށްފަ އެވެ.

މިފަދަ ހާދިސާތައް ހިނގުމާއި ގުޅިގެން މޫސުމަށް ރައްކާތެރިވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި ކަމާ ބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އަދި ދަތުރުފަތުރު ކުރާއިރުގައި ރައްކާތެރިކަން އަމިއްލަ ރައްކާތެރިކަމަށާއި، އެހެންމީހުންގެ ރައްކާތެރިކަން އިސްކުރުމަށް އެއިދާރާތަކުން ވަނީ ގޮވާލާފަ އެވެ.