އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ބާކީ 11 ދުވަސް އޮތްއިރު މިހާތަނަށް 50 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލައިފި ކަމަށް އިލެކްޝަން ޕްރޮޖެކްޓުން ހާމަކޮށްފި އެވެ.

މި ސްޕީޑުގައި ދަންޏާ މި އިންތިހާބު ވެގެންދާނީ ފާއިތުވެ ދިޔަ ގަރުނެއްހާ ދުވަސް ތެރޭ އެމެރިކާގެ އެންމެ ގިނަ މީހުން ވޯޓުލާ އިންތިހާބަށެވެ.

މި ހައިރާން ކުރުވަނިވި އަދަދު ތަކުން ހާމަވެގެން ދަނީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޑޮނާލްޑް ޓްރަމްޕާއި ޖޯ ބައިޑެންގެ ދެމެދުގައި އޮތް ވާދަވެރި ކަމެވެ. އަދި އެމެރިކާގެ ރައްޔިތުން ކޮވިޑް-19 އިން ސަލާމަތްވާން ބޭނުންވެފައި ތިބި މިންވަރު ކަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުން ބުނެ އެވެ. ކޮވިޑް-19 ޖެހިގެން އެމެރިކާއިން މިހާތަކަށް 221،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ކަމަށްވާ ނޮވެމްބަރު ތިނެއްގެ ކުރިން އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމާއި އެކު ވޯޓުލުން ކުރިއަށް ގެންދިއުމުގެ ގޮތުން ވަނީ އިން-ޕާސަން ވޯޓިން އާއި މެއިލް މެދުވެރިކޮށް ވޯޓު ލެވޭނެ ގޮތް ހަމަޖައްސާފަ އެވެ.

މިހާ އަވަހަށް ވޯޓު ލި މީހުންގެ އަދަދު 50 މިލިއަނަށް އަރާފައިވާ އިރު ޔޫއެސްގެ އިލެކްޝަން ޕްރޮޖެކްޓް ހިންގުމާ ހަވާލުވެގެން ހުންނެވި ޔުނިވަސިޓީ އޮފް ފްލޮރިޑާގެ ޕްރޮފެސާއެއް ކަމަށްވާ މައިކަލް މެކްޑޮނާލްޑް ވިދާޅުވި ގޮތުގައި ޖުމްލަ 150 މިލިއަން މީހުން ވޯޓުލާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ 1908 ވަނަ އަހަރަށް ފަހު މި އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

ޓެކްސަސްގައި އެކަނި ވެސް 2016 ވަނަ އަހަރު ވޯޓުލި މީހުންގެ ތެރެއިން 70 އިންސައްތަ މީހުން މިހާރުވެސް ވަނީ ވޯޓުލައިފަ އެވެ.