ކާށިދޫ ކަނޑަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.

ކާށިދޫ ކަނޑަށް މީހަކު ވެއްޓިގެން އެމައްސަަލަ މިއަދުގެ ހެނދުނުގެ 11:00 ހާއިރު ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވާއިރު ފުލުހުން ވަނީ މާލެ އިން ބ. އަތޮޅަށް ދަތުރުކުރި މުދާ އުފުލާ ބޯޓަކުން މޫދަށް ވެއްޓިގެން އޭނާ ގެއްލުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

މި ހާދިސާގައި ގެއްލިގެން ފުލުހުން ހޯދާފައި ވަނީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލުނު އިރު ލައިގެން ހުރީ ކަޅު ޓީޝާޓަކާއި ޓްރެކް ޝޫޓެއް ކަމަށާއި، އޭނާ ގެއްލިފައިވަނީ ކ. ކާށިދޫ އާއި 6 ނޯޓިކަލް މޭލު ބޭރުން ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާ ހޯދުމަށް ފުލުހުން ދިވެހި އަސްކަރިއްޔާގެ ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާނެކަމަށް ފުލުހުން ވަނީ މީގެ ކުރިން މީޑިއާތަކަށް ހަބަރުދީފަ އެވެ.

އެހެންނަމަވެސް އޭނާ މިހާރު ފަތާފައި ގޮސް ކާށިދޫއަށް އަރާފައިވާކަަމަށް ވަނީ ހަބަރު ލިބިފަ އެވެ

މޫސުން ގޯސްވުމާއި ގުޅިގެން މިދުވަސްވަރު މިފަދަ ހާދިސާތައް ގިނަވެފައިވާއިރު، މިދިޔަ ހޮނިހިރު ދުވަހު ވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގައި އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވަނީ ގެއްލިފަ އެވެ. ގެއްލުނު ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

އޭގެ އިތުރުން ބޯވަ ނަގަން އުސްފަސްގަނޑާވީ ދިމާލަށް އެރުނު މީހަކު އޮޔާ ދަނިކޮށް ސަލާމަތްކޮށްފައިވާއިރު، މާލެ ރަސްމީ ފާލަން ކައިރީ ތޮށިގަނޑުމަތީގައި ހެނދުނު މަސް ބާނަން ހުރި މީހަކު މޫދަށް ވެއްޓި ވަނީ މަރުވެފަ އެވެ.

މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ކަނޑުދަތުރުކުރާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިންނާއި އެމްއެންޑީއެފުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުން ނެވެ.