ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އެކަން ހޯމް މިނިސްޓަރަށް އަންގަވައިފި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރައްވާ ރައީސުލްޖުމްހޫރިއްޔާ އެކަން ހޯމް މިނިސްޓަރަށް އަންގަވައިފި އެވެ.

މިކަން ހޯމް މިނިސްޓަރަށް އެންގި ސިޓީ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ 14 އޮކްޓޫބަރު 2021ގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުއްވާފައިވާ ސިޓީގައިވަނީ ގާނޫނު ނަމްބަރު 5/2008 ދިވެހި ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ގާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ގާނޫނުގައި ބަޔާން ކުރާތީއާއި، އެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ އެމިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރުމާ ގުޅިގެން މިނިސްޓްރީގެ މަސައްކަތް ދެން ކުރަން ހަމަޖައްސާފައިވާ ގޮތުގެ ލިޔުމެއް ރައީސް އޮފީހުން މިނިސްޓަރ އިމްރާނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މަސައްކަތްތަކެއްކަން އަދި ސާފެއް ނުވެއެވެ.

ފުލުހުންގެ މުއައްސަސާގެ އިތުރުން މީގެ ކުރިން ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އެވެ.