އދ. ދަނގެތީގައި ރަހުމްކުޑަގޮތަކަށް މަރާލައި ވަޅަކަށް ފައްތާފައި އޮއްވާ ފެނުނު މަހްމޫދުގެ ފޯނު ފުލުހުން ހޯދައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަރާލާފައި އޮއްވައި މަހުމޫދު ފެނިފައިވާއިރު، ފުލުހުން ވަނީ މަހުމޫދުގެ މަރާއި ގުޅިގެން ބަންގަލަދޭޝްއަށް ނިސްބަތްވާ ސާލިމް ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ.

ބިދޭސީ މީހާގެ ގެ ބަލައި ފާސްކޮށް މަރާ ގުޅޭ ގިނަ ހެކިތަކެއް ހޯދާފައިވާއިރު، ފުލުހުން ވަނީ ގާތިލްގެ އަންނައުނާއި މަހުމޫދުގެ ފޯނު ވެސް ހޯދާފަ އެވެ. މިގޮތުން ފުލުހުން ވަނީ މަހުމޫދު މަރާލިގޮތް އަދި އޭނާ ކަންކުރި ގޮތް އޭނާ ލައްވައި ކުޅުވާފަ އެވެ.

ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އޭނާ މިހާރުވަނީ އދ. މަހިބަދޫއަށް ގެންގޮސްފަ އެވެ.

އަނިޔާތަކެއް ދިނުމަށްފަހު މަހުމޫދު މަރާލާފައިވާއިރު، އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވާ ކަމަށާއި އެގޮތުން ނިތްކުރި، ކަންފަތް އަދި ކަރަށް ވަޅިން އެކި ވަރުގެ އަނިޔާ ދީފައިވާ ކަމަށް އާއިލާއިން ބުންޏެވެ.

މަހުމޫދަކީ އެ ރަށުގައި ކާޑުގެ ވިޔަފާރި އާއި ހޮޓަލެއް ހިންގާ ވިޔަފާރިވެރި އެކެވެ. އެ ރަށު މީހުން ތުހުމަތު ކުރާގޮތުގައި މަހުމޫދު މަރާލީ ފައިސާގެ މައްސަލައެއްގަ އެވެ.