ހިޔާ ފްލެޓްތައް ކައިރީގައި ކްލިނިކެއް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާއި ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރީގެ ސަރުކާރުން ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކާ އެތަނުގައި އަޅާފައިވާ ފްލެޓުތައް އަޅާފަ އެވެ.

ހިޔާ ފްލެޓުތައް ކައިރީގައި ކްލިނިކެއް އެޅުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ ޕައިތަން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. އަދި އެތަން އެޅުމަށް ހަމަޖެހިފައިވަނީ ކޮމާޝަލްގެ ގޮތުގައި ކަނޑައަޅާފައިވާ ޔުނިޓްތަކުގައި ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުތައް ކައިރީގައި ކްލިނިކް ހެދުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ތިން މަސްދުވަހުގެ ތެރޭގައި ކްލިނިކުން ހިދުމަތް ދޭން ފަށާނެކަމަށާއި، އެ ކްލިނިކްގެ އިތުރުން ވެސް އިތުރު ދެ ކްލިނިކެއް ހަދާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

އެޗްޑީސީން މިހާރު ދަނީ ހިޔާ ފްލެޓުތަކުން ދިރިއުޅެން ފަށާފައުވާ މީހުން ކުލި ދެއްކުމުގެ ކުރިން ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެސަރަހައްދުގައި ސުޕާ މާކެޓާއި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ހިދުމަތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން އެކި މަސައްކަތްތައް ކުރަމުންގެންދާއިރު، އެ ސަރަހައްދުގައި ސްކޫލާއި ޓްރާންސްޕޯޓުގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.