ހުޅުމާލޭގައި އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ފިރިހެން މީހާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.

މިގޮތުން އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 1:30 ހާއިރު އޭނާ ހައްޔަރުކޮށްފައިވާއިރު، އަނިޔާލިބުނު އަންހެން ހުޅުމާލެއަށް ގެންގޮސްފައި ވަނީ ރަހީނުކޮށްގެން ކަމަށް ވެސް ސޯޝަލްމީޑިއާގައި އާންމުވެފައިވެ އެވެ.

ނަމަވެސް އަންހެނަކު ރަހީނުކުރި ކަމަށް ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެ އަންހެން މީހާއަށް މީގެ ކުރިން ވެސް އެ ފިރިހެން މީހާގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށާއި، އެކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންގެ އެއްބާރުލުން ނުލިބޭ ކަމަށް އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާއިން ސޯޝަލްމީޑިޔާގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި އަންހެން މީހާއަށް އަނިޔާލިބެމުން ދަނިކޮށް އެސަރަހައްދަށް މީހުން އެއްވުމާ ގުޅިގެން ފުލުހުން ގޮސް ފިރިހެން މީހާ ހައްޔަރުކުރި ކަމަށް ހަބަރު ލިބެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މައްސަލަ ތަހުގީގުކޮށް އިތުރަށް ބަލަމުން ގެންދާނެ ކަމަށް ބުނެފަ އެވެ.