ޖަލު ހުކުމެއް ކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ހާލު ދެރަވެގެން ފަރުވާދެނިކޮށް ނިޔާވެއްޖެ

ޖަލު ހުކުމެއް ކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގައިދީއަކު ހާލު ދެރަވެގެން ފަރުވާދެނިކޮށް ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އޭނާ ނިޔާވީ ހާލު ދެރަވެގެން އާއިލާއާ ހަވާލުކޮށްފައި ވަނިކޮށް ކަމަށެވެ. އަދި ނިޔާވީ ޖަލު ހުކުމެއް ކޮށްފައިވާ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

އޭނާއަށް ޖަލު ހުކުމް ތަންފީޒު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރުމަށް މިމަހުގެ 14 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އޭގެ ހަތަރު ދުވަސް ފަހުން މިމަހުގެ 18 ވަނަ ދުވަހު އެ މީހާ ބަލިވެ، ހާލު އިތުރަށް ގޯސްވުމާއި ގުޅިގެން ތިނަދޫ އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށިކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާގެ ބަލި ހާލަތު ރަނގަޅު ނުވެ އިތުރަށް ގޯސްވުމާއި ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު އޭނާގެ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ނިޔާވީ ކޮން ވަގުތަކު ކަމާއި ކިހިނެއްކަން މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. ހުރިހާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ރޭގެ ވަގުތެއްގަ އެވެ.