ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވީ ގާނޫނު އަސާސީއާ ހިލާފުވެވަޑައިގެންފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
މެމްބަރު އަލީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވާހަކަ ދައްކަވަމުނެވެ.
އަލީ އިތުރަށް ވިދާޅުވީ ގާނޫނު އަސާސީގައި މިނިސްޓަރަކު ކޮށްގެންނުވާނެ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން މާލީ މަންފާއެއް ލިބޭނެ އިތުރު ކަމެއް މިނިސްޓަރަކަށް ހުންނަވައިގެން ނުކުރެވޭއިރު ފޮރިން މިނިސްޓަރު ޝާހިދު އިތުރު މަގާމެއް ފުރުންވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް މި މައްސަލާގައި މިހާރު ހުންނެވި ފޮރިން މިނިސްޓަރަށް މާލީ ގޮތުން މަންފާ ލިބޭކަން،" އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތަކަށް އަދި ދިވެހި ދަރިއަކަށް ބައިނަލްއަގުވާމީ ފެންވަރުގެ މަތީ މަގާމެއް ލިބުމަކީ އޭނާ ވެސް ފަޚުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އުފާކުރައްވާ އަދި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަކީ ރަނގަޅު ޤާނޫނު އަސާސީއެއް ލިބި އެ ޤާނޫނު އަސާސީން އަސާސީ ހައްގުތައް ކަށަވަރުކުރެވިފައި ވާތީ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އަދި ފޮރިން މިނިސްޓަރު ޤާނޫނު އަސާސީގައި ވަޒީރަކު ކުރެއްވުން މަނާކޮށްފައި އޮތް ކަމެއް ކުރައްވަމުން ގެންދަވަނިކޮށް ފޮރިން ސާވިސް ބިލު ހުށަހެޅުމުން ކަންބޮޑުވެވަޑައިގަންނަވާކަން އަލީ ފާހަގަކުރެއްވި އެވެ. އަދި ފޮރިން ސާވިސްއިން ވަކި އާއިލާތަކެއްގެ މީހުންނަށް ވަޒީފާ ދޭތީ އެކަމާމެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"ފޮރިން ސާވިސް ބިލަށް ބަލައިމުމުން ސާފު ވެގެންދަނީ އާއިލީ ވެރިކަމަށް ވަރަށް ބޮޑަށް ދާ މަންޒަރު. އަޅުގަނޑުމެން ހިތުން 2008 ގައި މިތިބީ އާއިލީ ވެރިކަން ނިންމައިގެން. ނަމަވެސް ފޮރިން ސާވިސް ބިލަށް ބަލައިލީމާ އެކަން އެހެން ނޫން އަޅުގަނޑުމެންނަށް މިފެންނަނީ،" އަލީ ވިދާޅުވި އެވެ.