ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބީއެމްއެލް ރިވޯޑްސް ލޯޔަލްޓީ ޕްރޮގްރާމެއް ތައާރަފްކޮށްފި އެވެ.

ބީއެމްއެލްއިން މިއަދު ވަަނީ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމެއް އިފްތިތާހުކޮށްފަ އެވެ.

މިއީ ދުނިޔޭގެ 55 ގައުމެއްގައި ހިންގަމުންދާ ލޯޔަލްޓީ ޕްރޮގްރާމް ގިފްޓް އާ ގުޅިގެން ބީއެމްއެލްއިން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކޮށްފައިވާ ޕްރޮގްރާމެއް ކަމަށް އެ ބޭންކުން ބުންޏެވެ.

އެ ކުންފުނިން އަލަށް ތައާރަފްކުރި މި ހިދުމަތާއިއެކު ކަސްޓަމަރުންނަށް ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ރިވޯޑް ޕޮއިންޓްސް ލިބިގެންދާނެ އެވެ. އަދި މިގޮތަށް ލިބޭ ޕޮއިންޓް ރިޑީމް ކޮށްގެން 900 އަށް ވުރެ ގިނަ އެއާލައިނާއި، 650،000 ހޮޓެލާއި، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އެމޭޒަން، އެޕްސްޓޯރ، އައިޓިއުންސް، ގޫގުލް ޕްލޭ، ޕްލޭސްޓޭޝަން ފަދަ ފާހަގަކޮށްލެވޭ އިތުރު ބްރޭންޑްތަކުގެ ގިފްޓް ކާޑުވެސް ގަތުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި ފެށި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމް ލޯންޗްކުރުމުގެ ހަފުލާގައި ޕްރޮގްރާމާ ބެހޭ މައުލޫމާތު ދެނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން ބުނީ މި ޕްރޮގްރާމަށް ބޭންކް އޮފް މޯލްޑިވްސްގެ އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓާކާޑު ގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ބޭނުންކުރައްވާ ބީއެމްއެލްގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ އެކި ފައިދާތައް ލިބިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އެންމެ ފުރިހަމަ ލޯޔަލްޓީ ޕްރޮގްރާމް ތައާރަފް ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ޕްރޮގްރާމް މެދުވެރިކޮށް ކާޑު ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ ހިދުމަތްތަކުގެ އިތުރުން ކްރެޑިޓް ކާޑުން ލިބޭ ގިނަގުނަ ފައިދާ ކަސްޓަމަރުންނަށް ލިބިގެންދާނެ. ކްރެޑިޓް ކާޑަކީ ރާއްޖެއާއި ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ ކާޑެއް. ފާއިތުވި ދުވަސްތަކުގައި މި ލޯޔަލްޓީ ޕްރޮގްރާމް ކަސްޓަމަރުންނާ ހަމަޔަށް ގެނެސްދިނުމަށް މި ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތް ކުރިން. އަދި އަޅުގަނޑު އެދެނީ ވީހާވެސް ގިނަ ކަސްޓަމަރުން ބީއެމްއެލް ރިވޯޑްސްގެ ފައިދާ ހޯދަމުން ދިޔުން،" އޭނާ ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާޗެންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އަމާޒުކޮށް "ބީއެމްއެލް ރިވޯޑްސް" ގެ ނަމުގައި ފެށި އެކްސްކްލޫސިވް ލޯޔަލްޓީ ޕްރޮގްރާމް ލޯންޗްކުރުމުގެ ހަފުލާގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކުރުމާއި ބަލައިގަތުމުގެ ހަމައެކަނި ހިދުމަތް ބީއެމްއެލްއިން ދޭއިރު، އެކުންފުންޏަކީ ވިސާ އަދި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެއްވެސް މެއެވެ.