ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފި އެވެ.

ރައީސް ނަޝީދުގެ ރަސްމީ ޓްވިޓާ އެކައުންޓުގައި އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކުރީގެ ޖެންޑާ މިނިސްޓާ ޒެނީޝާއަށް ޖުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައުއަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަކަމަށް ވިދާޅުވެފަ އެވެ. އަދި ދައުވާ އަނބުރާ ގެންދިއުމަކީ ބުއްދިވެރި ގޮތް ކަމުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓަރު ޒެނީޝާ އާއި ދެކޮޅަށް ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ޕްރޮސެކިއުޓާ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާއިރު، ޒެނީޝާއަށް ދައުވާކުރަނީ ވިލިމާލޭގައިވާ ކުޑަކުދިންގެ ހިޔާގެ މައްސަލައަކާއި ގުޅިގެންނެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައެއް ކަމާއި މައްސަލައިގެ ތަފްސީލު މިހާތަނަށް ޕީޖީން ހާމަކޮށްފައެއް ނުވެ އެވެ.

ޒެނީޝާއަށް ދައުވާކުރުމަށް މައްސަލަ ފޮނުވާފައިވާއިރު، މި މައްސަލައާއި ބުނިގެން ޒެނީޝާ ވަނީ އޭނާ ޖިނާއީ ކުށިގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށެވެ. އަދި އެފަދަ އެއްވެސް އަމަލެއްގައި އޭނާގެ ބައިވެރިވުމެއް ނުވަތަ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާނެކަމަށާއި، މި މައްސަލައަކީ އެޗްއާރްސީއެމުން ޒާތީ ތައައްސުބުން އުފައްދާފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއާރުސީއެމްގެ ތަހުގީގު) މިއީ ގާނޫނާ ހިލާފަށް ހިންގާފައިވާ ހަރަކާތެއްކަން މާތް ﷲގެ ވާގިފުޅާ އެކު ސާބިތުބިތުވެގެން ދާނެ ކަމާއި މެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަމެވެ.
ޒެނީޝާ ޝަހީދު ޒަކީ