ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ފުރާވަޑައިގެންފި އެވެ.

ކޮޕް ސަމިޓަކީ މުޅި ދުނިޔޭގެ ކުރިމަގާ ގުޅޭ ތިމާވެށީގެ މުހިންމު ނިންމުންތަކެއް ނިންމާ، ދުނިޔޭގެ އެންމެބޮޑު ބައްދަލުވުމެވެ.

ކޮޕް ސަމިޓް ފަށާނީ އަންނަ އާދީއްތަ ދުވަހު އެވެ. މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން ދެކަމެއްގައި ވަރަށްބޮޑަށް ވަކާލާތު ކުރުމަށް ހަމަޖެހިފައިވެ އެވެ. އެއީ ތިމާވެށީގެ މައްސައްލަ ހައްލުކުރުމަށް ބޮޑެތި ޤައުމުތަކުން ކުރާ ހޭދަ އިތުރުކުރުމަށާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ފުދުންތެރި ޤައުމުތަކުން ދުނިޔޭގެ ފިހިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރުކުރުމަށް އެއްބަސްކުރުވުމެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމެވެ.