ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ރާއްޖެއިން ބޭރުގައި ހުންނަވައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު ބާއްވަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާ އުފުލާފައިވާއިރު، ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، އިނގިރޭސި ވިލާތަށް ވަޑައިގެންނެވުމަށް ފަހު އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

މި ސަބަބާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަވައި ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް ދައުލަތުން އެ މައްސަލަ އިސްތުނާފްކުރުމަށް އެދުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާގެ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދަން އަމުރު ނެރެފަ އެވެ.

ކޯޓަށް ހާޒިރުނުވުމާއި ގުޅިގެން އަލީ ވަހީދު 2 މަހާއި 12 ދުވަހަށް ޖަލަށް ލާން ކޯޓުން ނިންމި ނަމަވެސް އެ ހުކުންވެސް ތަންފީޒު ނުކުރެވިފައިވަނީ އޭނާ ރާއްޖޭގައި ނެތުމުގެ ސަބަބުންނެވެ. މިގޮތުން ސުޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފަ އެވެ.