ރ. އަތޮޅު ފަޅު ރަށަކުން 215 ކިލޯގެ މަސްތުވާތަކެތި ހޯދި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަށް ފުލުހުން ބޮޑެތި އަނިޔާތަކެއް ކުރިކަމަށް ތުހުމަތު ކުރުމާއި ގުޅިގެން އެ މައްސަލަ ކްރިމިނަލް ކޯޓުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އަންގައިފި އެވެ.

އެ މަސްތުވާތަކެތި ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓައި މިމަހު އަތުލާގަނެފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރީ، ފެހިއަލި، ނިމާލް އަބްދުލް ހާރިސާއި، އެރަށު ފިނިފަރު، އަލީ ޝާކިރެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބައްދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ވަނީ، ބޮޑެތި އަނިޔާތަކެއް ކޮށްފައިވާކަމަށް ބުނެ ފުލުހުންނަށް އެ ތުހުމަތުކޮށްފަ އެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޝާކިރު ވަނީ އޭނާ ހައްޔަރުކުރި ދުވަހުގެ އިރުއޮއްސުނުއިރުން ފެށިގެން އަނެއް ދުވަހުގެ ފަތިސް ވަގުތާ ހަމައަށް އެ ފަޅުރަށުގައިި އޭނާއަށް އަނިޔާކުރި ކަމަށް ބުނެފަ އެވެ. އަދި އަނިޔާކުރި އިރު އޭނާގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އަތުންނާއި ފައިން އޭނާގެ ގައިގައި ތަޅައި، އަނިޔާކުރުމުގެ ސަބަބުން މެޔަށް ތަދެއް އަރައި ވާނުވާ ނޭނގޭ ހިސާބަށް އަނިޔާ ލިބިފައިވާ ކަމަށް ބުނެފަ އެވެ.

އޭގެ އިތުރަށް އޭނާ ބުނީ ފުލުހުންގެ އަނިޔާތައް އަދިވެސް ނުހުއްޓޭ ކަމަށާއި، މިހާރު ފުލުހުންގެ އަނިޔާ ލިބެނީ ބޭރުފުށުން ނުފެންނަ ގޮތަށް ކަން ފާހަގަކޮށްފަ އެވެ.

އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެމީހުންނަށް އަނިޔާކޮށްފައި ނުވާކަމަށް ބުނެ އެ ތުހުމަތު އިންކާރުކޮށްފަ އެވެ. އޭގެ އިތުރުން އެމީހުންގެ ސިއްހީ ހާލަތު ބެލުމަށް ހެދި ރިޕޯޓުގައި ވެސް އެމީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަމަށް ނެތްކަތް ފުލުހުން ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ އިތުރަށް ބެލުމަށް ހަމަޖެހިފައިވާއިރު، އެޗައާރްސީއެމުން މި މައްސަލަ ބަލައި އިތުރު ތަފްސީލު ކޯޓާއި ހިއްސާކުރުމަށް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ނެރުއްވި އަމުރުގައި ބަޔާންވެފައިވެ އެވެ. އޭގެ އިތުރުން އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާދިނުމަށާއި އެކަމުގެ ލިޔުންތައް ކޯޓަށް ހުށަހެޅުމަށްވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އިއްޔެ ބޭއްވި އަޑުއެހުމުގައި އެދެމީހުންނަށް ވަނީ ބަންދު އިތުރުކޮށްފަ އެވެ. އަދި އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ.