ގަލޮޅު މަދަރުސާގައި ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން ސްކޫލުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ އަންހެން މަސައްކަތު މީހުން، އެ މީހުންގެ މަސައްކަތުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި އެވެ.

އެ ސްކޫލުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މަސައްކަތު ދައްތަމެން ވަޒީފާގެ މަސްއޫލިއްޔަތުތަކުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ. އަދި ކިޔަވާ ކުދިން ފާހާނައަށް ދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށް ސްކޫލުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ފާޚާނަ ކުރުމަށްފަހު އެއްވެސް އެހީތެރިކަމެއް ބޭނުންވާ ކުއްޖެއް ވާނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުއްޖެއްގެ ބެލެނިވެރިއަކަށް އެންގޭނެ ކަމަށް ސްކޫލުން ބުނެފައިވެ އެވެ. އަދި ސްކޫލުގައި ކިޔަވާ ކުދިންގެ ރައްކާތެރިކަމަށް އެ ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށާއި، 18 ސަރަހައްދެއް މޮނިޓާ ކުރަމުން ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ސްކޫލުން ވަނީ ބުނެފަ އެވެ.

ކުޑަ ކުއްޖަކަށް ސްކޫލުގެ އަންހެން މަސައްކަތު މީހެއްގެ ފަރާތުން ޖިންސީ އަނިޔާކުރި މައްސަލަ ފެންމަތިވެފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މި މައްސަލައާ ގުޅިގެން ސްކޫލުގައި މަސައްކަތް ކުރާ މަސައްކަތު އަންހެނަކަށް ތުހުމަތުކުރާއިރު، އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުުގައި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް އޮއްބާލަން އުޅުނު ކަމަށް އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

މި މައްސަލަ ބަލައި އަނިޔާކުރި މީހާއާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ، މިކަމާ ގުޅިގެން ގިނަ ބެލެނިވެރިންގެ ފަރާތުން ޝަކުވާ ހުށަހަޅައި، މުޒާހަރާ ކުރުމަށް ވެސް ހަމަޖެހިފައިވަނިކޮށް ކަމަށް ބެލެނިވެރިއަކު "ހުރިހާ" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.

މި މައްސަލަ ގަލޮޅު މަދަރުސާއިން އާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.