ކުރިއަށް އޮތް އަހަރު 400 އަށްވުރެ ގިނަ ޓީޗަރުން ނަގަން ބަޖެޓުގައި ހިމަނައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވީ، ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކުރުމަށާއި، ޓީޗަރުން މަދުވުމުގެ ސަބަބުން ތައުލީމު ފޯރުކޮށްދިނުމަށް ދިމާވާ ހުރަސްތަކަށް ހައްލު ހޯދުމަށް އަންނަ އަހަރު 400 އަށް ވުރެ ގިނަ ޓީޗަރުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވަނީ ކުދިންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު މަތިކޮށް ތައުލީމީ ދާއިރާއަށް އުމްރާނީ ގޮތުންނާއި ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އަދި ދުޅަހެޔޮގޮތުގައި ދަރިވަރުން ބެހެއްޓުމަށް މި ސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމް، އިތުރަށް ހަރުދަނާކުރުމަށްފަހު އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި 141 ރަށެއްގައި ތައުލީމީ ދާއިރާގެ 193 މަޝްރޫއުއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި އިމާރާތްތާއި، ވަސީލަތްތައް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

2022 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުން ތައުލީމާއި މަތީ ތައުލީމުގެ ދާއިރާއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ 4.1 ބިލިއަން ރުފިޔާ އެވެ.