އިންޑިއާއެކޭ އެއްފަދައިން އެމެރިކާ އާއި އިނގިރޭސި ޕާސްޕޯޓުގެ މަގާމު ވެސް ވަނީ ފަހަތަށް ޖެހިފައި. 2020 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ޕާސްޕޯޓު އެއް ދަރަޖަ ދަށަށް ޖެހިލި ކަމަށް ވިޔަސް ރާއްޖޭގެ ޕާސްޕޯޓަކީ ދެކުނު އޭޝިޔާގައިވާ އެންމެ ބާރުގަދަ ޕާސްޕޯޓު

ދަތުރު ފަތުރުކުރުން ގާތްގަނޑަކަށް ހުއްޓިފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން ދުނިޔޭގެ ދަތުރުފަތުރުކުރުމުގެ މާކެޓަށް އަލުން ދިރުން އަންނަން ފަށާފައިވާއިރު، ދުނިޔޭގެ ޕާސްޕޯޓްތައް ރޭންކްކުރާ ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ ދެކުނު އޭޝިޔާގެ އެންމެ ކުރި ހޯދައިފި އެވެ.

މިފަހަރުގެ ރޭންކުގައި ރާއްޖެ އޮތީ 62 ވަނައިގަ އެވެ. މިމަގާމު ރާއްޖެއާއެކު ހިއްސާކުރާ އަނެއް ގައުމަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ބޮޓްސްވާނާ އެވެ.

އަހަރަކު އެއްފަހަރު ނެރޭ މި އިންޑެކްސްގައި މިފަހަރު ވެސް އެއްވަނަ ހޯދައިފައި ވަނީ ޖަޕާނެވެ. އެ ގައުމުގެ ޕާސްޕޯޓްގައި ވިސާއާ ނުލައި ނުވަތަ ކުރިން ވިސާ ނެގުމަކާ ނުލައި 191 ގައުމަކަށް ދަތުރު ކުރެވެ އެވެ. ޖަޕާނާ ޖެހިގެން ދެވަނައަށް އޮތީ ސިންގަޕޫރެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ފަސޭހަކަމާއެކު 190 ގައުމަކަށް ދަތުރު ކުރެވެ އެވެ. ޖަރުމަނާއި ސައުތު ކޮރެއާ އުޅެނީ ތިންވަނައިގަ އެވެ.

ޕާސްޕޯޓް ރޭންކިންގެ އެންމެ ގަދަ 10 ގައުމަކީ ޖަޕާނާއި ސިންގަޕޫރާއި ޖަރުމަނާއި ދެކުނު ކޮރެއާ އާއި ފިންލޭންޑާއި އިޓަލީ އާއި ލަގްޒަމްބާގާއި ސްޕޭނާއި އޮސްޓްރިއާ އާއި ޑެންމާކެވެ. މި ގައުމުތަކުން ހިއްސާ ކުރަނީ ރޭންކްގެ އެންމެ ގަދަ ފަސް މަގާމެވެ.

ޕާސްޕޯޓު ރޭންކްގައި ދިވެހި ޕާސްޕޯޓަކީ ދެކުނު އޭޝިޔާގެ އެއްވަނަ

ޕާސްޕޯޓް އިންޑެކްސްގެ އެންމެ ފުލުގައި އޮތް އަފްޣާނިސްތާނުގެ ޕާސްޕޯޓުގައި 26 ގައުމަކަށް ފަސޭހައިން ދަތުރުކުރެވެ އެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާން އުޅެނީ ލިސްޓުގެ ފަހަތުން ތިން ވަނައަށް، ރޭންކްގެ 107 ވަނައިގަ އެވެ. އެ ގައުމުގެ ޕާސްޕޯޓުގައި ފަސޭހައިން ދަތުރު ކުރެވޭ ކަމަށް ވަނީ 32 ގައުމަކަށެވެ.

ސަރަހައްދީ ގައުމުތަކުގެ ތެރެއިން ސްރީލަންކާ 100 ވަނައިގައި އޮތް އިރު ސަރަހްއަދުގެ އެންމެ ބިޔަ މައިބާރު ކަމަށްވާ އިންޑިއާގެ މަގާމަކީ 85 ވަނަ އެވެ. އިންޑިއާގެ ޕާސްޕޯޓްގައި ފަސޭހައިން ދަތުރު ކުރެވޭ ކަމުގައި ވަނީ 58 ގައުމަކަށެވެ.

ޕާސްޕޯޓް ރޭންކްގެ އެންމެ ފަހަތުގައިވާ 10 ގައުމަކީ އަފްޣާނިސްތާން، އިރާގު، ސީރިއާ، ޕާކިސްތާން، ޔަމަން، ސޯމާލިޔާ، ފަލަސްތީން، ނޭޕާލް، ލީބިޔާ ، ނޯތް ކޮރެއާ އެވެ.

ފާހަގަ ކޮށްލެވޭ މުހިންމު ނުކުތާތައް

ޖަޕާނާ ސިންގަޕޫރުން ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްތަކުގެ ކުރި މިވަނީ ޖެހި ޖެހިގެން ދެ ފަހަރު ހޯދައިފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއްގައުމު ކަމުގައިވާ އިންޑިއާގެ ޕާސްޕޯޓުގެ ރޭންކް ނަރެންދުރަ މޯދީގެ ވެރިކަމުގައި އަންނަނީ މަޑުމަޑުން ތިރިޔަށް ޖެހެމުންނެވެ. 2020 ވަނަ އަހަރު 84 ވަނައިގަ އޮތުމަށް ފަހު 2021 ގައި އެ ގައުމުގެ ޕާސްޕޯޓުގެ މަގާމު މިވަނީ ހަ ދަރަޖަ ދަށަށް ޖެހި 90 އަށް ވެއްޓިފަ އެވެ.

އިންޑިއާއެކޭ އެއްފަދައިން އެމެރިކާ އާއި އިނގިރޭސި ޕާސްޕޯޓުގެ މަގާމު ވެސް ވަނީ ފަހަތަށް ޖެހިފަ އެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ޕާސްޕޯޓު އެއް ދަރަޖަ ދަށަށް ޖެހިލި ކަމަށް ވިޔަސް ރާއްޖޭގެ ޕާސްޕޯޓަކީ ދެކުނު އޭޝިޔާގައިވާ އެންމެ ބާރުގަދަ ޕާސްޕޯޓެވެ.