ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ އުމުރުން ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ތަޅުމަށް ނުގެނެވޭނެކަމަށް ރިޔާސަތުން އަންގައިފި އެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ތަޅުމަށް ނުގެނެވެނީ، ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އެ މައްސަލަ އިސްވެ ބަލަމުންދާތީކަމަށް ރިޔާސަތުން ވަނީ ބުނެފަ އެވެ.

މިމައްސަލައާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގުމަށް ބުނެ މައްސަލަ ބަލައިދިނުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް އިއްޔެ ހުށަހަޅާފަ އެވެ.

މިގޮތުން ގަލޮޅު މަދަރުސާގައި ކިޔަވަމުންދާ 4 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، މި މައްސަލަ ދިމާވުމުންވެސް ސްކޫލުން ކަންތައް ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށް ޝިޔާމް ހުށަހެޅި މި މައްސަލައިގައި ބުނެފައިވެ އެވެ.

ޝިޔާމް ވަނީ ދަރިވަރުން ސްކޫލްގައި ހޭދަކުރާ ވަގުތަކީ އެކުދިންގެ ރައްކާތެރިކަން ކަށަވަރުވާންޖެހޭ ތަނެއްކަން ފާހަގަކޮށް، މިކަމުގެ ޒިންމާ ސްކޫލުން ނަގަންޖެހުނު ނަމަވެސް، އެ ދަރިވަރު ހަވާލުވެގެން ހުރި ޓީޗަރަށް ވެސް ދަރިވަރު ހަވާލުކުރެވުނީ ކާކާކަން، ނޭނގި، ހާދިސާ ހިނގައިދިޔަގޮތް ބެލޭނެ ވަސީލަތްތަކެއްވެސް ނެތްކަމާއި، ހާދިސާ ހިނގައިދިޔުމުން މައްސަލަ އޮއްބާލަން މަސައްކަތްކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރި ކަމެއްކަމަށެވެ.

އެގޮތުން މިފަދަ މައްސަލަތަކުގައި މެޑިކަލް ރިޕޯޓު އަވަހަށް ހެއްދޭނެ ނިޒާމެއް އެކުލަވައިލުމަކީ މުހިންމުކަމެއް ކަމުގައި ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މައްސަލަ އާންމުވެފައިވަނީ މީޑިޔާތަކުން އެކަން އާންމުކޮށް ރިޕޯޓުތައް ގެނެސްދިނުމުން ކަމަށާއި، އެތަށް ސަތޭކަ ދަރިވަރުން ކިޔެވުމަށްދާ ސްލަކުން މިފަދަ އަމަލެއް ފެނި، އެއަށް އެކަށީގެންވާ ފިޔަވަޅުނޭޅުމަކީ ސްކޫލްތަކަށް ބެލެނިވެރިންގެ ހިތުގައި އޮތް ޔަގީންކަން ކުޑަވެ މުސްތަގްބަލުގެ ޖީލުތަކަށް މިކަމުގެ ސަބަބުން ނުހަނު ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ޝިޔާމް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ ޝަރުތުތަކަކާއި އެކީކަން ފާހަގަކުރައްވައި، އެ މައްސަލައަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދިރާސާކުރެވެމުންދާ މައްސަލައެއްކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެމައްސަލަ ޖެންޑާ ކޮމިޓީން އިސްނަގައިގެން ބަލަމުންގެންދާކަމަށާއި، މައްސަލަ ތަޅުމައް ނުގެނެވުނު ނަމަވެސް އެ މައްސަލައިގެ އަސާސްތަކަށް ރިއާޔަތްކޮށް ކޮމިޓީގައި މައްސަލަ ބެލޭނެ ކަމަށް އީވާ ވިދާޅުވި އެވެ.