ކ. އަތޮޅު ރަށްފަޅުހުރާގައި ހިންގާ ޕަޓީނާ މޯލްޑިވްސްގައި މަސައްކަތް ކުރާ މީހަކު ކޮންކްރީޓް ބްލޮކެއް ދަށުވެ މަރުވެއްޖެ އެވެ.

މި ހާދިސާގައި ކޮންކްރީޓް ބްލޮކެއް ދަށުވެ މަރުވެފައި ވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ އޭޑީކޭއަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަަމަށާއި، ގެންދިޔައިރު ވެސް އޭނާ އޮތީ މަރުވެފައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވަނީ، ޕާޓިނާ މޯލްޑިވްސްގައި ކޮންކްރީޓް ބްލޮކެއް ދަށުވެ، ބަންގްލަދޭސް މީހަކު މަރުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ މެންދުރު ފަހު ތިނެއް ޖެހިއިރު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ބިދޭސީއަކު މަރުވެފައިވާއިރު، ދިވެއްސަކަށް ވެސް ވަނީ އެކި ވަރުގެ އަނިޔާވި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މި ހާދިސާ ދިމާވީ ކިހިނެއް ކަމެއް މިހާތަނަށް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ހުރިހާ ކަމެއް ބަލަމުން އަންނަކަމަށާއި، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.