ކަޅު ބާޒާރުގައި ޑޮލަރު ބޮޑު އަގުގައި ވިއްކާ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމާއި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ޑޮލަރު ގަތުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުން ވަނީ ވަނީ އެމްއެމްއޭއިން ޑޮލަރު ބޭންކުތަކަށް ދޫކުރި ނަމަވެސް އޭގެ ހެޔޮ އަސަރު ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވާ ކަމަށް ވިދާޅުވެ މެމްބަރުންގެ ސުވާލުތަކެއް ގަވަރުނަރާ ކުރިމަތި ކުރެއްވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޑޮލަރު އަގުބޮޑުކޮށް ވިއްކާ ކަމެއް އެމްއެމްއޭގެ ހިސާބުތަކުން ނުދައްކާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިސާބަކުން ނުދައްކާ އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމަކަށް. މީގައި އަގު ބޮޑުކޮށް ޑޮލަރު ވިއްކާ ކަމަށް ޕްރޫވް ހޯދުން މިއީ ދަތިކަމެއް. އެކަމަށް ޕޮލިހާއެކު އިންވެސްޓިގޭޓް ވެސް ކުރިން،" އަލީ ހާޝިމް ވިދާޅުވި އެވެ.
ގަވަރުނަރު ވިދާޅުވީ ޑޮލަރުގެ ތާށިކަމަކީ ރާއްޖޭގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއްގައި ވެސް ދިމާވާ މައްސަލައެއް ކަމަށެވެ. އެކަން ހައްލުކުރަން ފޮރިން އެކްސްޗޭންޖް މާކެޓް މޮނިޓާކޮށް، ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކޮމިޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވިދާޅުވީ މިހާލަތުގައި އެ އޮތޯރިޓީން އެންމެ ބޮޑު އިސްކަންދެނީ ގައުމަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރި މިންވަރުގެ ހިސާބުތަކެއް އާއްމުކުރައްވައިފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 521 މިލިއަން ޑޮލަރު ބޭންކުތަކަށާއި ކުންފުނިތަކަށް ދޫކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން 2019 ވަނަ އަހަރަށް ވުރެ މާބޮޑަށް ވެސް އަޅުގަނޑުމެން މުޅި މާކެޓަށް ޑޮލަރު އިންޖެކްޓްކޮށްފިން. ގަތްގަނޑަކަށް 521 މިލިއަން ޑޮލަރު އޯވަރޯލް މާކެޓް އިންޓަވެންޝަން ގޮތުގައި އަޅުގަނޑުމެން އިތުރު ކުރެވިއްޖެ،" ޑެޕިއުޓީ ގަވަރުނަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީން ދައުލަތަށް އާމްދަނީގެ ގޮތުގައި ވަންނަނީ ގާތްގަނޑަކަށް 20 ޕަސެންޓް ކަމަށެވެ. އަދި ބާކީ 80 ޕަސެންޓް ފޮރިން އެކްސްޗޭންޖު ސަޕްލައި އޮންނަނީ ބޭރުގެ ފަރާތްތަކުގެ އަތްމަތީގައި ކަމަށް އިމާދު ވިދާޅުވި އެވެ.