އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.

މިދިޔަ އަންގާރަ ދުވަހު މަރުވިއިރު އޭނާ ހުރީ އައިޖީއެމްއެޗްގެ ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގަ އެވެ.

ފުލުހުން ތުހުމަތުކުރަނީ މޭރީ ގްރޭސް ޕިނޭޑާ ގަސްދުގައި މަރާލާފައިވާ ކަމަށެވެ.

އޭނާ މަރުވީ ދަން ޖެހިގެން ކަމަށް ފިރިމީހާ ބުނި ނަމަވެސް އެ ނަރުސްގެ ހަށިގަނޑުން ފެނިފައިވާ ކަންތައްތަކުގެ އިތުރުން، މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ އަމަލުތަކަށް ޝައްކުތަކެއް އުފެދި އެ މީހާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފަ އެވެ.

މި މައްސަލައިގައި މަރުވި ނަރުހުގެ ހަށިގަނޑު އިއްޔެ އިންޑިޔާއަށް އިތުރަށް ތަހުގީގުކުރުމަށް ފޮނުވާފައިވާ ކަމަށް މިއަދު ފުލުހުން ވަނީ މީޑިޔާތަކަށް ކަށަވަރުކޮށްދީފަ އެވެ.

ގްރޭސްއާއި އޭނާގެ ފިރިމީހާގެ ކައިވެންޏަށް ފަސް އަހަރުވެފައިވާއިރު، އެ ދެމަފިރިންނަށް ކުއްޖަކުވެސް ލިބިފައިވެ އެވެ. އެހެންނަމަވެސް އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއް ޖެހެމުންދިޔަ ކަމަށް އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ހާމަވެފައިވެ އެވެ.

މިގޮތުން މި މައްސަލަތައް އިތުރަށް ގޯސްވާން ފެށީ ގްރޭސްގެ ފިރިމީހާ، އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި އަންހެނަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން ދިވެހި ނަރުހުގެ ފޯނު ވަނީ ފުލުހުންގެ ތަހުގީގަށް ހިފަހައްޓާފަ އެވެ. އެހެންނަމަވެސް ދިވެހި ނަރުހުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވޭކަމަކަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.