ސްކޫލްތަކުގައި ދަރިވަރުންނަށް ލިބުނު ޖިންސީ އަނިޔާގެ ހަތް މައްސަލައެއް މިހާރު ވެސް ދަނީ ބަލަމުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަ ދައްކަވަމުން މިިނިސްޓަރު ވަނީ މި ސަރުކާރު އައި ފަހުން ޖިންސީ އަނިޔާގެ ގޮތުގައި ރިޕޯޓު ކުރި 40 މައްސަލައެއް ބަލައި 30 އަކަށް މީހުންނާއި މެދު ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން އެފަދަ މައްސަލައަކާއި ގުޅެގެން މީހަކާއި ދެކޮޅަށް ކިރިޔާވެސް ހެއްކެއް ލިބިފައިވާނަމަ، އެމީހަކު ވަޒީފާއިން ވަކިކުރާކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

މިހާރު ވެސްް ތިޔަ ކަހަލަ ކަންތައްތައް ގާތްގަނޑަކަށްް ހަތް ވަރަކަށް ކޭސް ހިނގަމުން އެބަދޭ. އެކަމަކު އެ ބޭބޭފުޅުން ތިއްބެވީ ވަޒީފާއިން އެކަހެރި ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އައިޝަތު އަލީ ވަނީ ގަލޮޅު މަދަރުސާގައި ހިނގި މައްސަލައާ ގުޅިގެން އެހެން ސްކޫލުތަކުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ހަރުކަށިކުރެވިފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެފަދަ ކަމެއް ކުއްޖަކަށް ހިނގައިފިނަމަ ކަމާ ބެހޭ އިދާރާތަކަށް ވަގުތުން އެ މައްސަލަ އެންގުމަށް ކޮންމެ ސްކޫލަކު ވެސް އޮފިސަރަކު ހުންނާނެ ކަމަށް މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި އެވެ.

އޭގެ އިތުރުން އެފަދަ ހާދިސާއެއް ހިނގައިނުދިނުމަށް އެ މިނިސްޓްރީން ކުރެވެން ހުރި ހުރިހައި ކަމެއް ކޮށް އެފަދައިން ކަންކަން ތަރުތީބުކުރަމުން ގެންދާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގަލޮޅު މަދަރުސާގެ މައްސަލައިގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމާއި ގުޅިގެން 63 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.