އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ ރަސްމީ ދަތުރުފުޅެއްގައި ސިޔާސީ މަސައްކަތެއްގައި ބައިވެރިވެ ވަޑައިގަތް ކަމަށް ބުނާ މައްސަލައެއް އެމެރިކާގެ އޮފީސް އޮފް ސްޕެޝަލް ކައުންސެލް (އޯއެސްސީ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި މި ހަފުތާގައި އިންޑިއާ އާއި ސްރީލަންކާ އަދި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ޕޮމްޕޭގެ މައްޗަށް ތަހުގީގު ހިންގަނީ އޭނާ ދާދިފަހުން އިޒްރޭލަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ހުންނަވައިގެން ރިޕަބްލިކަން ޕާޓީ ސިޔާސީ ހަރަކާތަކަށް ވީޑިއޯ މެދުވެރިކޮށް ތަގްރީރެއް ރެކޯޑް ކުރެއްވި ކަމަށް ބުނެ އެވެ.

އޭނާ ތަގްރީރެއް ރެކޯޑް ކުރެއްވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ހަތަރު އަހަރުން އެއްފަހަރު ރިޕަބްލިކަން ޕާޓީން ބާއްވާ ނޭޝަނަލް ރިޕަބްލިކަން ކޮންވެންޝަންގައި ރައީސް ޑޮނަލްޑް ޓްރަމްޕަށް ކެމްޕެއިން ކުރެއްވުމަށެވެ.

އެމެރިކާގެ ހެޗް އެކްޓް ބުނާގޮތުން ރައީސާއި ނައިބު ރައީސް ފިޔަވައި ސިޔާސީ އެހެން މުވައްޒަފުން ރަސްމީ މަސައްކަތްތަކާއި ދައުލަތުގެ އިމާރާތްތަކުގައި ތިބެގެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. ފެޑެރަލް އަދި މިނިވަން ތަހުގީގީ އިދާރާ އޯއެސްސީން ޕޮމްޕޭގެ މައްޗަށް ތަހުގީގު ހިންގާ ކަން ހާމަކުރީ ޑިމޮކްރަޓުން ކޮންޓްރޯލްކުރާ އެމެރިކާގެ ކޮންގްރެސް އިން އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށެވެ.

ޕޮމްޕޭ ކުރިން ވިދާޅުވެފައި ވަނީ އޭނާ ސިޔާސީ ތަގްރީރު ރެކޯޑް ކުރެއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި ރަސްމީ ދަތުރުފުޅާ އެކަމާ ގުޅުމެއް ނެތް ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ) ގެ އެންމެ އިސް މަގާމު އަދާ ކުރެއްވުމަށް ފަހު ޚާރިޖީ ވަޒީރު ކަން ކުރައްވާ ޕޮމްޕޭއަކީ 2024 ވަނަ އަހަރު އެ ގައުމުގެ ރައީސް ކަމަށް ރިޕަބްލިކަން ޕާޓީން ނިކުމެވަޑައިގަންނަވާނެ ކަމަށް ބެލެވިފައިވާ ބޭފުޅާ އެވެ.

ޕޮމްޕޭ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް އޭނާ ބައްދަލު ކުރައްވާނެ އެވެ. އޭނާ ވަޑައިގަންނަވާތީ ސަލާމަތީ ބާރުތަކުން ދަނީ ޚާއްސަ ތަމްރީނުތަކެއް ވެސް ހިންގަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެ މި ވަޑައިގަންނަވަނީ 16 އަހަރު ފަހުންނެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގަތް އެމެރިކާގެ ޚާރިޖީ ވަޒީރަކީ ކޯލިން ޕަވަލް އެވެ. އޭނާ ވަޑައިގަތީ ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި 2004 ވަނަ އަހަރު އެވެ.